ޚަބަރު

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ތުރުކީވިލާތަށް އިންޒާރުދީފި


ތުރުކީވިލާތުގެ ސިފައިން ސޫރިޔާއަށް އަރައި ކުރުދީންނާ ހަނގުރާމަކުރަމުންދާ މައްސަލައިގައި އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކެލީ ކްރާފްޓް އެ ޤައުމަށް އިންޒާރުދެއްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމަށްފަހު، ކެލީ ވިދާޅުވީ ތުރުކީވިލާތުން ސޫރިޔާގެ ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެކަމަށެވެ. މީގެ އިތުރުން ހައްޔަރުވެފައި ތިބި އައިއެސް ހަނގުރާމަވެރިން މަޝްރަޙުގެ ނާޖާއިޒު ފައިދާ ނަގާ، މިނިވަންވެގެން ގޯހެއް ހިނގާފާނެފަދަކަމެއް ހިނގައިގެންނުވާނެކަމަށްވެސް ކްރާފްޓް ވިދާޅުވިއެވެ. އެފަދަ ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ ތުރުކީވިލާތުން ނަގަންޖެހޭނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ވިލާތުގެ 5 ޤައުމެއްގެ އެދުމުގެ މަތިން 15 މެންބަރުން ހިމެނޭ އދގެ ސަލާމަތީ މަޖިލީސް ބައްދަލުކޮށް ތުރުކީވިލާތުން ސޫރިޔާގައި ހިންގަމުންދާ އަސްކަރީ ޙަރަކާތް ހުއްޓާލުމަށްވަނީ ގޮވާލާފައެވެ. ޖަރުމަންވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޔަރގަން ޝުލްޓްޒް ވިދާޅުވީ ހަނގުރާމަ ފުޅާވަމުންދާވަރަކަށް ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާނެކަމަށެވެ. މީގެ އިތުރުން އެހިސާބުގައި ދިރިއުޅޭ ޢާއްމު ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވެ ގެދޮރު ގެއްލި ރެފިއުޖީންނަށްވާ މީހުން ގިނަވަމުންދާނެކަމަށްވެސް ޝުލްޓްޒް ވިދާޅުވިއެވެ.

ތުރުކީވިލާތުން ބުނަމުންދަނީ އެމީހުން އަސްކަރީ ޙަރަކާތް ހިންގަމުންދަނީ ކުރުދީންގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ވައިޕީޖީއާއި ދެކޮޅަށްކަމަށާއި އެ ޖަމާޢަތަކީ އެތަކެއް އަހަރެއްވަންދެން އެ ޤައުމާއި ހަނގުރާމަކުރަމުން އަންނަ ޖަމާޢަތެއްކަމަށެވެ.