ނ. ކެނދިކުޅުދޫގައި ބާރަށް ދުއްވާދިޔަ ސައިކަލަކުން ވެއްޓުނު އަންހެނަކު ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އެރަށު ވައިޖެހޭގެއާގެ ޢުމުރުން 40 އަހަރުގެ ޝަމްސިއްޔާ ޔޫސުފުއެވެ.
ކެނދިކުޅުދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސި ހައެއް ޖަހާ އެހާކަންހާއިރުކަމަށެވެ. އަދި އޭނާ މަރުވީ އެކްސިޑންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް މިރޭ އަށްގަޑި ތިރީސް ހާއިރުކަމަށް ސިއްޙި މަރުކަޒުން ވިދާޅުވެއެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓިކަމަށްވެސް އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ.
ޝަމްސިއްޔާ ޔޫސުފުގެ ފިރިއަކާއި އުމުރުން ހަ އަހަރުގެ ކުއްޖަކާއި ދިހަ އަހަރުގެ ކުއްޖެއް ހުރެއެވެ.