ވިޔަފާރި

އެންމެ ރަނގަޅު އެއަރލައިނަކަށް ޤަތަރު އެއަރވޭސް


އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރެވަލް މެގަޒިން، ބިޒްނަސް ޓްރެވެލަރއިން ހޮވާ އެންމެ ރަނގަޅު އެއަރލައިނަކަށް ޤަތަރު އެއަރވޭސް ހޮވިއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި އެވޯޑް ހަފްލާގައި، އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑްގެ އިތުރުން، ޤަތަރު އެއަރވޭސްއަށް ވަނީ އިތުރު 3 އެވޯޑެއްވެސް ލިބިފައެވެ. އެއީ އެންމެ ރަނގަޅު ބިޒްނަސް ކްލާސްގެ އެވޯޑާއި، އެންމެ ރަނގަޅު މެދު އިރުމަތީ ސަރަޙައްދުގެ އެއަރލައިންގެ އެވޯޑް އަދި އެންމެ ރަނގަޅު ދިގު ދަތުރުކުރާ އެއަރލައިންގެ އެވޯޑެވެ.

އެހެން އެއަރލައިންތަކަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި، ބްރިޓިޝް އެއަރވޭސްއަށް ވަނީ 3 އެވޯޑެއް ލިބިފައެވެ. އެއީ އެންމެ ރަނގަޅު އެއަރޕޯޓް ލައުންޖުގެ އެވޯޑް، އެންމެ ރަނގަޅު ކުރު ދަތުރުކުރާ އެއަރލައިންގެ އެވޯޑް އަދި އެންމެ ރަނގަޅު ފްރީކުއެންޓް ފްލަޔަރ ޕްރޮގްރާމްގެ އެވޯޑެވެ.

މަޝްހޫރު ސިންގަޕޯރ އެއަރލައިންސްއަށްވެސް 3 އެވޯޑެއް ލިބުނެވެ. އެއީ އެންމެ ރަނގަޅު އިކޮނޮމީ ކްލާސްގެ އެވޯޑް، އެންމެ ރަނގަޅު ކެބިން ސްޓާފްގެ އެވޯޑް އަދި އެންމެ ރަނގަޅު އޭޝިޔާ ސަރަޙައްދުގެ އެއަރލައިންގެ އެވޯޑެވެ.

އެންމެ ރަނގަޅު ފަސްޓް ކްލާސްގެ އެވޯޑް އެމިރޭޓްސްއަށް ލިބުނުއިރު، އެންމެ ރަނގަޅު ޕްރީމިއަމް އިކޮނޮމީ ކްލާސްގެ އެވޯޑް ލިބުނީ އެމެރިކާގެ ވާޖިން އެޓްލާންޓިކްއަށެވެ. އެންމެ ރަނގަޅު ލޯ ކޮސްޓް އެއަރލައިންގެ އެވޯޑް ލިބުނީ އިނގިރޭސިވިލާތުގެ އީޒީ ޖެޓް އެއަރލައިންއަށެވެ.

އުތުރު އެމެރިކާ ސަރަޙައްދުގެ އެންމެ ރަނގަޅު އެއަރލައިނަކަށް އެމެރިކާގެ ޑެލްޓާ އެއަރލައިން ހޮވުނުއިރު، އެފްރިކާ ސަރަޙައްދުގެ އެންމެ ރަނގަޅު އެއަރލައިނަކަށް ހޮވީ ސައުތު އެފްރިކަން އެއަރވޭސްއެވެ.

އެއަރލައިންތަކުގެ އިތުރުން ބައެއް އެއަރޕޯޓްތަކާއި ރިސޯޓް ހޮޓާތަކަށްވެސް ވަނީ އެވޯޑް ދީފައެވެ. އެންމެ ރަނގަޅު އެއަރޕޯޓުގެ އެވޯޑް ލިބިފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓަށެވެ. އެންމެ ރަނގަޅު ބިޒްނަސް ބްރޭންޑް ހޮޓެލްގެ އެވޯޑް ލިބިފައިވަނީ އިންޓަރކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސްއަށެވެ.