ސިއްހަތު

މެންޓަލް ހެލްތު ސެންޓަރުން މިހާތަނަށް ހަތަރު ހާހެއްހާ މީހުންނަށް ފަރުވާ ދެވިއްޖެ - ހެލްތު މިނިސްޓަރ


އައިޖީއެމްއެޗްގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރުން މިހާތަނަށް ހަތަރު ހާހެއްހާ މީހުންނަށް ފަރުވާ ދީފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހާ ގުޅިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއަހަރަކީ ނަފްސާނީ ސިއްޙަތު ކުރިއެރުވުމަށް ކުރެވެމުން ދިޔަ މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއްކަމަށެވެ. އެގޮތުން މި ސަރުކާރުން ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އައިޖީއެމްއެޗުގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކޮށް ޚިދުމަތްދޭން ފަށާފައިވަނީ މިއަހަރު މާރޗް 25 ވަނަ ދުވަހުއެވެ. މިނިސްޓަރ ވިދާޅުވީ މެންޓަލް ހެލްތު ސެންޓަރުން މެދު ނުކެނޑި ނަފްސާނީ އެކި ބަލިތަކަށް ފަރުވާދެމުންދާއިރު، މިހާތަނަށް އެ ސެންޓަރުން ހަތަރު ހާހެއްހާ މީހުންނަށް ޚިދުމަތް ދީފައިވާކަމަށެވެ.

މީގެ އިތުރުން މި ޚިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި، ޚިދުމަތް ދެމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށްކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ޤާއިމްކުރާ މެންޓަލް ހެލްތާބެހޭ ޔުނިޓު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރގެ ބަޔާނުގައި ވަނީ ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ ކުޅުދުއްފުށި، ލ.ގަން، ރ. އުނގޫފާރު، ގދ.ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލް އިން މިޚިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް ޢާއިލާއާއި މުޖުތަމަޢުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާއިރު، މިމަހުގެ 13 ވަނަ ދުވަހު މޯލްޑިވްސް ސްކޫލް އޮފް ނާރސިން އާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ޕެނަލް ޑިސްކަޝަން އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.