ވިޔަފާރި

ނާއިބު ރައީސް ހޮޓެލް އެޝިޔާ އެގްޒިބިޝަންއަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް، ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖު ބައްލަވައިލައްވައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެސްޓޯލްތަކުން ލިބެންހުރި ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި އުފެއްދުންތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވިއެވެ.

މި މައުރަޒުގައި ރިޒޯޓްތަކާއި ހޮޓާތަކާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަކެތި ސަޕްލައިކުރާ ފަރާތްތަކުން 160 ސްޓޯލް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން މި މައުރަޒުގެ ތެރެއިން ކުރިޔަށްގެންދިޔަ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019ގައި 22 ގިންތިއަކުން 450 ޝެފުންގެ ހުނަރުތައް ދައްކާލެވިގެންދިޔައެވެ.

މިއީ މި މައުރަޒު ބާއްވާ 15 ވަނަ ފަހަރެވެ. މި މައުރަޒުގައި ޖުމްލަ 45 ޤައުމެއްގެ އެކިފަރާތްތަކުގެ އުފެއްދުންތަކާ ޚިދުމަތްތައް ހިމަނާފައިވެއެވެ.