ވިޔަފާރި

ސެންޓާރާގެ ރިސޯޓްތަކެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި


ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން، ރިސޯޓް ހެދުމަށް ތަރައްޤީކުރާ 3 ރަށެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ތައިލެންޑުގެ ކުންފުންޏެއްކަމަށްވާ ސެންޓާރާއިން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ކ. އަތޮޅުގެ ތިން ރަށެއް ހިއްކުމުގެ މަސައްކަތެވެ. މިގޮތުން 21 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، އެމަސައްކަތުގެ ތެރެއިން ޝޯވ ޕްރޮޓެކްޝަންގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ.

މިމަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ތައިލެންޑުގެ ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގައެވެ. އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ތިރިޔަތު ސިރަތިވަތުއެވެ.

އެމްޓީސީސީއާ ޙަވާލުކުރި ބިން ހިއްކުމުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.