އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު ކުރިޔަށްގެންދާ ވާހަކަތަކުގައި ދެ ޤައުމުންވެސް ކެތްތެރިވުމަށް ޗައިނާއިން ގޮވާލައިފިއެވެ. ޗައިނާއިން މިގޮތަށް ގޮވާލާފައިވަނީ ބެއިޖިންގްގައި އޮތް ނޫސް ކޮންފަރެންސެއްގައި އެ ޤައުމުގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު ގެން ޝުއާންގްއެވެ.
އުތުރު ކޮރެއާގެ ޚާރިޖީވުޒާރާއިން ބުނެފައިވަނީ އެމެރިކާއާއެކު ކުރިޔަށްގެންދަމުންދާ ވާހަކަތައް ކުރިއަށް ދިޔުމާއި ހުއްޓުން ބިނާވެފައިވަނީ އެމެރިކާއިން ގެންގުޅޭ ސިޔާސަތެއްގެ މައްޗަށްކަމަށެވެ. އުތުރު ކޮރެއާގެ ޚާރިޖީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްވިޑެންގައި ބާއްވަމުންދިޔަ މަޝްވަރާ ބައްދަލުވުންތައް މެދުކެނޑުނީ އެމެރިކާގެ ސަބަބުންކަމަށެވެ. މިހެންކަމުން އެމެރިކާއިން އުތުރު ކޮރެއާއާއި މެދު ގެންގުޅޭ ހަރުކަށި ސިޔާސަތު ބަދަލުނުކުރާހާ ހިނދަކު، ދެން އަލުން ވާހަކަތައް ފެށުމުގެ ބޭނުމެއް ނެތްކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.
އުތުރު ކޮރެއާއިން މިހެން ބުނެފައިވާއިރު އެމެރިކާގެ ސްޓާޓް ޑިޕާޓްމެންޓުން ބުނެފައިވަނީ އެމެރިކާގެ ވަފުދުގެ ފަރާތުން ސްވިޑެންގައި ބިނާކުރަނިވި ޚިޔާލުތަކާއެކު ރަނގަޅު މަޝްވަރާތަކެއް ކުރިކަމަށެވެ. އުތުރު ކޮރެއާއާއި އެމެރިކާއާއި ދެމެދު ބާއްވަމުން ދިޔަ މަޝްވަރާތަކަށް ޗައިނާއިން އައީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.
ޗައިނާގެ ޚާރިޖީވުޒާރާގެ ތަރުޖަމާނު ވިދާޅުވީ ކޮރެއާ ބައްރުން ނިޔުކްލިއަރ ހަތިޔާރުތައް ނައްތާލައި، ދާއިމީ ޞުލްޙައެއް ޤާއިމުކުރަން ވަގުތު ނަގާނެކަމަށެވެ. އަދި އެކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެދިއެދި ތިބި ކަމެއް ނަމަވެސް ފާއިތުވީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، އެކަން އެހާ ފަސޭހަ ނޫންކަން އެނގެން އޮތުމުން ދެ ފަރާތުންވެސް ކެތްތެރިވާންޖެހޭކަމަށް ޗައިނާއިންވަނީ ބުނެފައެވެ.
އަދި ޗައިނާއިން އޮތީ އެކަމުގައި ބިނާކުރަނިވި ދައުރެއް އަދާކޮށްދޭން ތައްޔާރަށްކަމަށްވެސް ބުނެފައިވެއެވެ.