ޚަބަރު

ޗައިނާއާއި ޕާކިސްތާނުން އިތުރަށް ގުޅުން ބަދަހިކުރަން ނިންމައިފި


ޗައިނާގެ ބޮޑުވަޒީރު ލީ ކެޗިޔާންގްއާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ބެއިޖިންގްގައި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ނިންމައިފިއެވެ. އިމްރާން ޚާން ޗައިނާއަށް ވަޑައިގަތުމުން ޗައިނާގެ ބޮޑުވަޒީރު ލީ ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ލީ ވިދާޅުވީ ޗައިނާއިން އަވަށްޓެރި ޤައުމުތަކަށް އިސްކަންދޭ އުޞޫލުން ޕާކިސްތާނަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން ލީ ވިދާޅުވީ ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތަކާއި، އިތުރަށް ބޭނުންވާ ކަންކަމުގެ ދިފާޢުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޕާކިސްތާނުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމަކީ ޗައިނާއިން އެދޭގޮތް ކަމުގައި ލީ ވިދާޅުވިއެވެ. ޗައިނާއިން އޮތީ ޕާކިސްތާނާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ވިޔަފާރިއާއި އިޤްތިޞާދު އަދި ޤައުމުގެ އޮނިގަނޑު ބިނާކުރުމާއި މާލީ ރޮނގުން ގުޅިގެން މަސައްކަތްކޮށް ކުރިޔަށްދާން ތައްޔާރަށްކަމަށް ލީ ވިދާޅުވިއެވެ.

ބޮޑުވަޒީރު އިމްރާން ޚާންގެ ވާހަކަފުޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޤައުމަށްވަނީ ތަޙުނިޔާ ވިދާޅުވެފައެވެ. އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުގެ އިޤްތިޞާދު އެއް މިންވަރެއްގައި ހިފެހެއްޓިފައި އޮތީ ޗައިނާއިން ދިން އެހީގެ ސަބަބުންކަމަށެވެ. ޕާކިސްތާނުން އޮތީ ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހެނިހެން ދާއިރާތަކުން ޗައިނާއާއެކު މަސައްކަތްކުރަން ތައްޔާރަށްކަމަށް އިމްރާން ވިދާޅުވިއެވެ.

ޕާކިސްތާނާއި ޗައިނާއާއި ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަށްފަހު ދެ ޤައުމުންވަނީ 10 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދެ ޤައުމުން އެއްބާރުލުންދިނުމަށް އެއްބަސްވި ދާއިރާތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން އަދި ޤާނޫނުގެ ބާރު ނެގެހެއްޓުމާއި ޡަޤާފަތާއި ތަޢުލީމު ހިމެނެއެވެ.