ޚަބަރު

ޖަމާލުއްދީނާއި އިސްކަންދަރަށް ކުދިން ވެއްދުމަށް އޮޅުވާލުންތަކެއް


މާލޭގެ ބައެއް ސްކޫލުތަކަށް ކުދިން ވެއްދުމަށް އެ ސްކޫލްތައް ހިމެނޭ ސަރަހައްދުގައި ނޫޅޭ ފަރާތަކުން އޮޅުވާލައިގެން ނުބައި ލިޔެކިޔުންތައް ހުށައަޅައިގެން ސްކޫލްތަކުން ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު މާލޭގެ ސްކޫލްތަކުން ކުދިންނަށް ޖާގަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާ އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައިވަނީ ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ބަލާނީ އެ ސްކޫލެއް ހިމެނޭ ސަރަހައްދަކުން ކުދިންނަށް ޖާގަދެވޭނެ ގޮތެއް ބަލައިގެންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅިވީ މާލޭ ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގައި ވަކި އުސޫލެއް ހަދަންޖެހުނީ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އެކަކުން ދަރިވަރުންނަށް ދެވެން ހުރި ޖާގައަށް ވުރެ އެ ސްކޫލް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭކަމަށް ބުނެ ހުށައަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވުމުންކަމަށެވެ.

މިގޮތުން އިސްކަންދަރު ސްކޫލް ގްރޭޑް އެކަކުން އަލަށް ޖާގަ ދެވޭނީ 90 ދަރިވަރުންނަށް ނަމަވެސް އެ ސަރަހައްދުގައި އުޅޭކަމަށް ބުނެ އެ ސްކޫލުން ޖާގަ ހޯދުމަށް 288 ވުރެ ގިނަ ދަރިވަރުން ހުށައަޅާފައިވާކަމަށެވެ. އަދި ޖަމާލުއްދީން ސްކޫލްގައި ގްރޭޑް އެކެއްގައި 120 ވިހި ކުދިންނަށް ޖާގަ އޮތްއިރު އެ ޖާގަތަކަށް އެ ސަރަހައްދުގައި އުޅޭކަމަށް ބުނެ 396 ދަރިވަރަކު ހުށައަޅާފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ބައެއް ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ޤަވައިދާ ހިލާފަށް އެ ސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އެ ސަރަހައްދުގައި އުޅޭކަމުގެ ލިޔެކިޔުންތައް ހުށައަޅާ ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިކަމުގެ ސަބަބުން އެ ސްކޫލެއް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގައި ފުރުސަތު ހަނިވެގެން ގޮސްފައިވާކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

އިސްކަންދަރާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ގޭގޭގައި 40 އާއި 50 ދެމެދުގެ އަދަދަކަށް ގްރޭޑް 1 އަށް ވަންނަ އުމުރު ފުރާއިގެ ދަރިވަރުން އުޅޭކަމަށް ބުނެ ސިޓީ ހުށައަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިނިސްޓްރީން ބެލި ބެލުމުން މި ގެތަކުގައި އެ އަދަދަށް ދަރިވަރުން ދިރި ނޫޅޭކަން ފާހަގަކުރެވިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އިސްކަންދަރާއި ޖަމާލުއްދީން ސްކޫލަށް ހިމެނޭ ސަރަހައްދުން ސްކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް އިންސާފުވެރިކަމާއިއެކު ފުރުސަތު ދޭނެކަމަށާއި މާލޭ ސަރަހައްދުގައި ހިމެނޭ އެހެން ހުރިހާ ސްކޫލަތަކުން އެ ސްކޫލް ހިމެނޭ ސަރަހައްދުތަކުން ސްކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް ޖާގަ ދޫކުރާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމުގައި މަސައްކަތްކުރާނީ ދަރިވަރުންނާއި ބެލެނިވެރިންނަށް އެއްވެސް ތަފާތުކުރުމެތް ނެތި ހަމަހަމަ ކަމާއި އެކު އިންސާފުން ޚިދުމަތްތައް ދިނުމަށްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގެ ސްކޫލްތަކުގެ ތެރެއިން ޖަމާލުއްދީންނާއި އިސްކަންދަރު ސްކޫލަށް ދަރިން ވެއްދުމަށް ބައެއް ބެލެނިވެރިން މަސައްކަތް ކުރަމުން އަންނަކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވެއެވެ. މި ގޮތުން މި ދެ ސްކޫލަށް ބަދަލުވުމަށް އެހެން ސްކޫލަކުން ޖާގަ ބަދަލުކުރުމަށް ބައެއް ބެލެނިވެރިން ބޮޑެތި އަދަދު ފައިސާވެސް ހުށައަޅަމުން އާދެއެވެ.