ވިޔަފާރި

ފަތުރުވެރިކަން - ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޙިއްސާ

މިދިޔަ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޙިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސް އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ސިނާއަތްކަމަށްވާ، ފަތުރުވެރިކަން ރާއްޖޭގެ އިޤްތިޞާދުގެ 20.2 އިންސައްތަ ހިއްސާކުރެއެވެ. އަދި އެދާއިރާގެ ކުރިއެރުން 2018 ވަނަ އަހަރު ހުރީ 9.8 އިންސައްތައިގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދާއިރާ މިދިޔަ އަހަރު ލިބިފައިވާ ކުރިއެރުމަކީ 2015 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލާއެކު ފަތުރުވެރިކަން 1.3 އިންސައްތައިން ދަށަށް ދިއުމަށްފަހު، އެދާއިރާގެ އުފެއްދުންތެރިކަމަށް އައި އެންމެ ހެޔޮ ބަދަލުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން 2015 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ރޭގެ އެވްރެޖް 2.4 އިންސައްތައިން ދަށަށް ދިޔުމަށްފަހު 2016 ގައި 6.1 އިންސައްތަ އަދި 2017 ގައި 10.6 އިންސައްތަ އަދި 2018 ގައި10.3 އިންސައްތައަށް ވަނީ މަތިވެފައެވެ.

ރާއްޖެއަށް ފަތުރުވެރިން އައި ނިސްބަތް ވަނީ 2018 ވަނަ އަހަރު 6.8 އިންސައްތަ ކުރިއަރާފައެވެ. މިނިސްބަތް 2017 ވަނަ އަހަރު ހުރީ 8 އިންސައްތައިގައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމުކަމަށްވާ ޗައިނާއިން 2018 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.6 އިންސައްތަ ދަށަށް ދިޔަނަމަވެސް ޔޫރަޕުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12.4 އިންސައްތަ އަދި އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އަދަދު ވަނީ777 އަށް އިތުރުވެފައެވެ. މިއަދަދު 2017 ވަނަ އަހަރު ހުރީ 713 ގައެވެ. ހަމަ އެއާއެކު އެނދުގެ ޖާގަ ބޭނުންކުރި މިންވަރު ވެސް ވަނީ 61.1 އިންސައްތައިން 62.1 އިންސައްތައަށް 2018 ވަނަ އަހަރު ކުރިއަރާފައެވެ. މީގެ އިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދުވެސް ވަނީ 6.2 ދުވަހުން 6.4 ދުވަހަށް 2018 ވަނަ އަހަރު އިތުރުވެފައެވެ.

ދަތުރުފަތުރު

ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ހިމެނެނީ، ކަނޑު ދަތުރާއި، ވައިގެ ދަތުރާއި، އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އިތުރުން ދަތުރުފަތުރާއި ގުޅުން ހުރި އެހެނިހެން ޚިދުމަތްތައް ދިނުމުގެ ސިނާއަތްތަކެވެ. މިދާއިރާއަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ވައިގެ ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރާއި ގުޅުންހުރި ހަރަކާތްތަކުންނެވެ. ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ދާއިރާކަމަށްވުމުން ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާއި ލޮޅުންތަކުގެ އަސަރު މިދާއިރާއަށްވެސް ފޯރައެވެ. ހަމަ އެހެންމެ އިމާރާތް ކުރުމުގެ ދާއިރާއާއި ދަތުރުފަތުރުކުރުމުގެ ދާއިރާއާ ވެސް ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

2017 ވަނަ އަހަރު ދަތުރުފަތުރުކުރުމުގެ ދާއިރާ 1.9 އަށް ކުރިއެރުމަށްފަހު 2018 ވަނަ އަހަރު މިދާއިރާ ވަނީ 3.4 އިންސައްތައިން ކުރިއަރާފައެވެ. މިގޮތުން 2018 ވަނައަހަރު ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރި ފުލައިޓްގެ ނިސްބަތް ވަނީ 53.1 އިންސައްތަ ވަނީ އިތުރުވެފައެވެ. ހަމަ އެއާއެކު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އެކިއެކި ފްލައިޓްތަކުން ޒިޔާރަތްކުރި ފަސިންޖަރުންގެ އަދަދު ވެސް ވަނީ 6.6 އިންސައްތަ އިތުރުވެފައެވެ.

ވިޔަފާރި

ވިޔަފާރީގެ ދާއިރާގެ ހިއްސާ 2018 ވަނަ އަހަރު ހުރީ 9 އިންސައްތައިގައެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން އުފައްދާތަކެތި މަދު އަދި އިމްޕޯޓްކުރާ މުދަލަށް ބަރޯސާވާ ޤައުމަކަށްވާތީ، ރާއްޖޭގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް އާންމުގޮތެއްގައި ވިޔަފާރިކުރަނީ އިމްޕޯޓް މުދަލުންނެވެ.

މިދާއިރާގެ އުފެއްދުންތެރިކަމަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރެވިފައިވާ އިންޑިކޭޓަރއަކީ ސަރުކާރުގެ ބޭނުމަށް އެތެރެކުރާ މުދާ ނުހިމަނައި ރާއްޖެއަށް އިމްޕޯޓްކުރި މުދާ އިތުރުވި މިންވަރެވެ.

2016 ވަނަ އަހަރު ވިޔަފާރީގެ ބައިގެ ކުރިއެރުން 11.8 އިންސައްތައިގައި ހުރިއިރު 2017 ވަނައަހަރު މިބައިގެ ކުރިއެރުން ހުރީ 2.1 އިންސައްތައިގައެވެ. އަދި 2018 ވަނަ އަހަރު މިދާއިރާ ވަނީ 5.6 އިންސައްތަ ކުރިއަރާފައެވެ. 2017 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން ސަރުކާރުގެ ބޭނުމަށް އެތެރެކުރާ މުދާ ނުހިމަނައި، ދެން އެތެރެކުރި މުދާ 4.9 އިންސައްތަ އިތުރުވިއިރު 2018 ވަނަ އަހަރު މިއަދަދު ވަނީ 24.5 އިންސައްތައަށް އިތުރުވެފައެވެ.

ޢިމާރާތްކުރުމުގެ ދާއިރާ

އިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުން 2014 ވަނަ އަހަރު 28.5 އިންސައްތަ އަދި 2015 ވަނަ އަހަރު 27.2 އިންސައްތަ ކުރިއެރުމަށްފަހު، 2016 ވަނަ އަހަރު މިދާއިރާގެ ކުރިއެރުން ކުޑަކޮށް މަޑުޖެހިލިއެވެ. ނަމަވެސް 2017 ވަނަ އަހަރު މިދާއިރާ 10.2 އިންސައްތަ އަދި 2018 ވަނަ އަހަރު 12.5 އިންސައްތަ ކުރިއެރިއެވެ.

ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިދާއިރާގެ ކުރިއެރުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދައުލަތުން ކުރިއަށްގެންދާ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އަމިއްލަ ފަރާތްތަކުން ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރުވުމާއި ބޭރުގެ އިންވެސްޓަރުންނާއި ގުޅިގެން ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް އިތުރުވުމުގެ މައްޗަށެވެ. މިގޮތުން މޯލްޑިވްސް ކަސްޓަމްސްގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެތެރެކުރެވުނު އިމާރާތްކުރުމަށް ބޭނުންކުރާ މުދަލުގެ މިންވަރު 2016 ވަނަ އަހަރު 25.2 އިންސައްތައިން އިތުރުވެ މިއަދަދު 2017 ވަނީ 10.2 އިންސައްތައަށް އިތުރުވެފައެވެ. އަދި 2018 ވަނަ އަހަރު މިއަދަދު ވަނީ 39.5 އިންސައްތަ އިތުރުވެފައެވެ. ނޮމިނަލް ޖީ.ޑީ.ޕީން ޢިމާރާތްކުރުމުގެ ދާއިރާއިން އުފެއްދުންތެރިކަމަށް ހިއްސާ ކުރިމިންވަރަށް ބަލާއިރު، ފާއިތުވި 6 އަހަރުދުވަހުގެ ތެރޭގައި ވަނީ ދެގުނަ އިތުރުވެފައެވެ. މިގޮތުން 2013 ވަނަ އަހަރު މިދާއިރާގެ ހިއްސާ 4.4 އިންސައްތައިގައި ހުރިއިރު 2018 ވަނަ އަހަރު މިދާއިރާގެ ހިއްސާހުރީ 9.2 އިންސައްތައިގައެވެ.

މަސްވެރިކަމުގެ ދާއިރާ

މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު އަންގައިދޭ އެންމެ މުހިންމު އެއް ތަފާސް ހިސާބަކީ، ރާއްޖޭގައި ބާނާ މަހުގެ މިންވަރެވެ. ވިދިވިދިގެން 2 އަހަރު މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ދަށަށް ދިއުމަށްފަހު 2016 އެދާއިރާ 1.3 އިންސައްތަ ކުރިއެރިއެވެ.

2017 ވަނަ އަހަރު މިދާއިރާއަށް 11 އިންސައްތަ ކުރިއެރުމެއް ލިބިފައިވާއިރު، 2018 ވަނަ އަހަރު މިދާއިރާގެ ކުރިއެރުން ހުރީ 5.7 އިންސައްތައިގައެވެ. މިގޮތުން 2017 ވަނަ އަހަރު 143.2 ހާސްމެޓްރިކް ޓަނުގެ މަސް ބޭނިއިރު 2018 ވަނަ އަހަރު 151 މެޓްރިކްޓަނުގެ މަސްބާނާފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާއަކީ 4.5 އިންސައްތައެވެ.

ތަކެތި އުފެއްދުމުގެ ދާއިރާ

ތަކެތި އުފެއްދުމުގެ ދާއިރާގައި ހިމެނެނީ މަހުން އެކިބާވަތްތައް އުފެއްދުމާއި، ކާބޯތަކެތީގެ އެކިބާވަތްތައް އުފެއްދުމާއި، ތައްޔާރީ ބުއިންތައް އުފެއްދުމާއި، ލަކުޑިން ފަރުނީޗަރުފަދަ ތަކެތި ހެދުމާއި ސިމެންތިން ތަކެތިއުފެއްދުމާއި އޮޑިދޯނިފަހަރު ބަނުމާއި، ޕްރިންޓްކުރުން ފަދަ މަސައްކަތްތަކެވެ. މިދާއިރާއިން އެންމެ ބޮޑު ހިއްސާއެއްކުރަނީ ތައްޔާރީމަހުގެ ބާވަތްތައް އުފެއްދުމުގެ ބައިންނާއި ސިމެންތިން ތަކެތި އުފެއްދުމުގެ ބައިންނެވެ.

2017 ވަނަ އަހަރު ތަކެތި އުފެއްދުމުގެ ބައިގެ ކުރިއެރުން ހުރީ 13 އިންސައްތައިގައެވެ. މިބައި މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ މަސްވެރިކަމުގެ ދާއިރާ 11 އިންސައްތައިން ކުރިއެރުމާއިއެކު އިމާރާތްކުރުމުގެ ދާއިރާ 10.2 އިންސައްތައިން ކުރިއެރުމެވެ. މަސްވެރިކަން މައްޗަށް ދިއުމާއި ގުޅިގެން އޭގެ އެދެވޭ އަސަރު ތައްޔާރުކުރި މަހުގެ ބާވަތްތަކުގެ ބަޔަށް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ތައްޔާރުކުރި މަހުގެ ބާވަތްތައް އެފެއްދުމުގެ ބައި ވަނީ 35.8 އިންސައްތައިން ކުރިއަރާފައެވެ.
2018 ވަނަ އަހަރު ތަކެތި އުފެއްދުމުގެ ބައިގެ ކުރިއެރުން ހުރީ 10.7 އިންސައްތައިގައެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު ކުރިއެރުމެކެވެ. މިދާއިރާ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އިމާރާތްކުރުމުގެ ދާއިރާ 12.5 އިންސައްތައިން ކުރިއެރުމާއި މަސްވެރިކަމުގެ ދާއިރާ 5.7 އިންސައްތައިން ކުރިއެރުމެވެ.