ވިޔަފާރި

ރޯޑް ޓު 2030 ސަމިޓް - ޑިޖިޓަލް ދާއިރާގެ ވިޔަފާރިތައް އެއްތަނަކުން


ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް ގެނެވޭނެ ބަދަލުތަކާއި މިދާއިރާ ކުރިއަރުވަން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ސަމިޓެއް ބާއްވައިފިއެވެ.

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑިޖިޓަލް އަދި ލޮޖިސްޓިކްސް ސޮލިއުޝަންސްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށްވާ "ކައިރެސްޓޫ"އިން ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި މާލެ ސިޓީ މޭޔަރު ސިފާ މުހައްމަދާއި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިޤް އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

މި ސަމިޓްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޑިޖިޓަލް ކުންފުނިތަކުން ވަނީ ބައިވެރިވެ އެކުންފުނީގެ މަސައްކަތްތައް ދައްކާލާފައެވެ. މީގެ ތެރޭގައި މަޝްހޫރު ކުންފުނި "އެލްޖީ" އާއި "ހާރމަން"، ލުޓްރޮން" އަދި "ސްޓީލްކޭސް" ހިމެނެއެވެ. މިއީ ޑިޖިޓަލް ޓެކްނޮލެޖީއާއި ސައިބަރ ސެކިއުރިޓީ އަދި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުނިތަކެވެ.

މި ސަމިޓާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން "ކައިރެޓްސޫ" ގެ ކޯ ފައުންޑަރ ސޮފްވާން އަހުމަދު ވިދާޅުވީ މި ސަމިޓްގެ ތެރެއިން ޑިޖިޓަލް ވިޔަފާރިތަކަށް ކުރިއަށް އޮތް 10 އަހަރުތެރޭ އަންނާނެ ކުރިއެރުންތަކާއި މި ކަންތައްތަކަށް ދިވެހިން އަހުލުވެރިކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެެެއްކޭނެކަމަށެެވެ.

އޭނާ ވިދާޅުވީ އުއްމީދަކީ މިފަދަ ސަމިޓްތަކުގެ އެހީގައި ސަރުކާރުން ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކުރުމެވެ.

"މި އިވެންޓް މެދުވެރިކޮށް ރާއްޖޭގައި ހުރި ބިޒްނަސްތަކާއި ޕޮލިސީ މޭކާސްތަކަށް ކުރިއަށް އޮތް 10 އަހަރުގައި ޓެކްނިލޮޖީ އިންޑަސްޓްރީ ޝޭޕްވެގެންދާނެ ގޮތްތައް ކިޔައިދެވޭނެ. މި އިވެންޓުގެ ތެރެއިން ސަރުކާރުން އިމްޕްލެމެންޓްކުރަން ބޭނުންވާ ބައެއްކަހަލަ ޓެކްނޮލިޖީއާއި ބެހޭގޮތުން ވެސް ފަސޭހައިން މަޢުލޫމާތު ލިބޭނެ. " ސޮފްވާން ވިދާޅުވިއެވެ.

މި ސަމިޓްގައި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ގެނެވޭނެ ކުރިއެރުންތަކާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަންސްތަކެއް ބޭއްވިއެވެ.

"ކައިރެޓްސޫ" އަކީ ރާއްޖޭގައި ޑިޖިޓަލް ސޮލިއުޝަން ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ޚިދުމަތް ދެމުންގެންދާތާ 10 އަހަރުވެފައިވާއިރު މިކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އައުމެވެ.