ވިޔަފާރި

ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ބިލިއަނަކަށްވުރެ ރުފިޔާ ސަރުކާރުން ދައްކައިފި


ވެރިކަމާ ޙަވާލުވިފަހުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގާފައި ހުރި ގޮތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރިކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބޭރު ޤައުމުތަކުގެ އާބިޓްރޭޝަންތަކަށްވެސް މައްސަލަތައް ހުށަހަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އާބިޓްރޭޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ދިވެހި ސަރުކާރުން ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ދައްކާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ބަދަލު ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ޙަވާލުކުރި މެލޭޝިޔާގެ ނެކްސްބިޒް ކުންފުނި ހިމެނެއެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ވަނީ 18.1 މިލިއަން ޑޮލަރު ނުވަތަ 280 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ. މީގެ އިތުރުން ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ޑަބްލިޔު އެލް ޓީ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކާ ޚިލާފުވެގެން ބަދަލެއްގެ ގޮތުގައި ދައްކަންޖެހުނު 5.6 މިލިއަން ޑޮލަރުވެސް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މިކުންފުނިތަކުގެ އިތުރުންވެސް، ކޯޓު ޙުކުމްތަކާއި ސަރުކާރުން ކޮންޓްރެކްޓަރުން ލައްވާ ކުރުވާފައިވާ މަސައްކަތްތަކަށް ފައިސާ ނުދައްކައިގެން، ސަރުކާރުން މިހާތަނަށް 1 ބިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"އެމްއާރުޑީސީ އުވާލުމާ ގުޅިގެން ދައްކަންޖެހޭ ފައިސާތަކެއް އެބައިން، މިހާތަނަށް ލިކުއިޑޭޝަންގައި އެމްއާރުޑީސީ އޮތީ، ކުރީގެ ސަރުކާރުތަކުން އެމްއާރުޑީސީ މެދުވެރިކޮށް ކޮންޓްރެކްޓަރުން ލައްވާ މަސައްކަތް ކޮށްފައި ފައިސާ ނުދައްކާ އޮތީ، އެހެންނަމަވެސް ކުރެވިފައި ހުރި މަސައްކަތްތަކަކަށްވާތީ ކޮންގޮތަކަށްވެސް އެބަޖެހޭ ފައިސާ ދައްކަން، 26.1 މިލިއަން ރުފިޔާ ދައްކަންޖެހުނު އެމްއާރުޑީސީގެ މަސައްކަތްތަކަށްވެސް. ސުނާމީ ހާލުގައި ޖެހުނު ފަރާތްތަކަށް ދިން ލޯނުތައް މަޢާފްކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، 15.2 މިލިއަން ރުފިޔާގެ ލޯނު ވާނީ މަޢާފްކޮށްފައި، މީގެ އިތުރުން 7.1 މިލިއަން ރުފިޔާ ސުޕްރީމް ކޯޓުން ނިންމި މައްސަލައަކާ ގުޅިގެން ވާނީ ދައްކާފައި. މީގެ އިތުރުން ނޫމަޑި ސެޓްލްމަންޓް އެގްރިމަންޓަށް ވާނީ ފައިސާ ދައްކާފައި" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާއިރު، ކުރީގެ ސަރުކާރުން ޤާނޫނާ ޚިލާފަށް އެގްރިމަންޓްތައް ބާތިލުކުރި މައްސަލަތަކުގައި ބަދަލުގެ ގޮތުގައި 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ކުންފުނިތަކަށް ދައްކަންޖެހޭކަމަށް ލަފާކުރައްވާކަމަށް ރައީސް ޞާލިހު ވަނީ މިދިޔަ ޖުލައިމަހު ވިދާޅުވެފައެވެ. އަދި އެގޮތަށް އަމަލުކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.