މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުން ނެރުނު ރިޕޯޓުގައި މުސްލިމުން ދައްކައިގެން ނުވާނެ ވާހަކަތައް އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމް.ޑީ.އެން ގެ އެ ރިޕޯޓާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ރިޕޯޓް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި ނުރަނގަޅު ކަންކަން އެ ރިޕޯޓުގައި ކަންކަން ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. ނަޝީދު ވިދާޅުވީ އެއިން އެއްކަމަކީ، މާތްﷲ އާއި ކީރިތި ރަސޫލާ އާއި ބެހޭގޮތުން އެކަށީގެންނުވާ ބަސްތަކެއް ގެނެސްފައިވުންކަމަށެވެ.
ނަޝީދު ވިދާޅުވީ އެފަދަ ބަސްތައް ބޭނުންކުރުމަކީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން އެރިޕޯޓްގައި ލިޔެފައިވަނީ، ދީން ދެނެވަޑައިގަންނަވާ ބަޔަކު ބަހުސްކުރާ ނުކުތާތަކެއްކަމަށެވެ، އެހެންކަމުން އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަދެއްކުން ރަނގަޅު ނޫންކަމަށެވެ.
ކުރީގެ ރައީސް ނަޝިދު މިހެން ވިދާޅުވެފައި މިވަނީ އެ ރިޕޯޓާއި ގުޅިގެން އެމަނިކުފާނު ކުރިން ކުރެއްވި ޓްވީޓަކީ އެމްދީއެންގެ ދިފާއުގައި ކުރެއްވި ޓްވީޓެއްކަމަށް ބުނެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. މި މައްސަލާގައި ނަޝީދު ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީނަށްކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާތީ މި މައްސަލާގައި އެ ޖަމާއަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު އަންނަނީ ގޮވާލާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރޭ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލާގައު ފުރިހަމަ ތަހުޤީޤެއް ކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.