ޚަބަރު

ކޮރަޕްޝަން ޢާއްމުވެފައިވާ ކަމަށްބުނެ، ޢިރާޤުގައި ޢާންމު ރައްޔިތުން ރުޅިގަދަވެ މުޒާހަރާތައް ވަރުގަދަވެއްޖެ


ވަޒީފާގެ ފުރުޞަތުތައް ނެތުމާއި ކޮރަޕްޝަން ޢާއްމުވުމާއި އަދި އާއްމު ޚިދުމަތްތައް ލަސްކަމަށް ބުނެ ޢާއްމު ރައްޔިތުން ފެށި މުޒާހަރާތައް ޢިރާޤުގެ އެކު ސަރަޙައްދުތަކަށް މިހާރުވަނީ ފުޅާވާންފަށާފައެވެ. ބަޣުދާދުގައި އަންގާރަދުވަހު ފެށުނު ބޮޑު އެއްވުމަށްފަހު މި މުޒާހަރާތައް ޢިރާޤުގެ އުތުރުގެ އެކިއެކި ރަށްތަކުގައި ފެށިފައެވެ. މުޒާހަރާތަކުގައި މިހާރު އެތަކެއް ހާސް ޒުވާނުން ދަނީ ބައިވެރިވަމުންނެވެ.

މި މުޒާހަރާތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ، ސިޔާސީ ޕާޓީއަކުން އިސްނަގައިގެން ބާއްވާ މުޒާހަރާތަކެއް ނޫންކަމަށް ފެންނައިރު، މިހާރު މުޒާހަރާތަކުގައި މީހުން ބައިވެރިވަނީ ވަކި ދަރިކޮޅަކަށް ނުވަތަ ވަކި މަޒުހަބަށް ނިސްބަތްވާ މީހުންކަމަށް ނުވާތީ މިއީ ތަންކޮޅެއް ވަޠަނީ ރޫޙެއްގައި ކުރެވޭ މުޒާހަރާތަކަކަށްވުން އެކަށީގެންވެއެވެ. މި ސަބަބުތަކާހުރެ، ވެރިކަމުގެ ދައުރުން އަދި އަހަރެއްހާ ދުވަސް ހޭދަވި ބޮޑުވަޒީރު ޢާދިލް ޢަބްދުލް މަޙްދީއަށް މި މުޒާހަރާތައް ކޮންޓްރޯލުކުރުވައި، ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމަކަށްލަފާކުރެވެއެވެ.

މުޒާހަރާތައް ފެށިފައިވަނީ މިދިޔަ އަންގާރަ ދުވަހު ޢިރާޤުގެ އެކި ހިސާބުތަކުގައި ބޭއްވި އެއްވުންތަކަށްފަހުއެވެ. މީގެ ބޮޑު މުޒާހަރާ ބޭއްވީ ވެރިރަށް ބަޣުދާދުގައިކަމަށް ވީއިރު، އަންގާރަ ދުވަހު ބޭއްވި އެއްވުންތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުންވަނީ ވަޒަނާއި، ކަރުނަގޭސް އަދި ފެންޖަހާފައެވެ. މީގެން އެއްވެސް މަސައްކަތަކުން ޢާއްމުން އެއްވުން ދޫކޮށް ގޮސްފައި ނުވާއިރު، އެއްވުމުގެ ބައިވެރިންގެ ބަޔަކުވަނީ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ކުރިމަތިލުމުގައި މަރުވެފައެވެ.

މީގެ އިތުރުން، އެތަކެއް ހާސް މީހުންނަށް އަނިޔާވެފައިވާއިރު އެތައް ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ޢިރާޤުގެ އިންސާނީ ޙައްގުތަކާބެހޭ ކޮމިޝަނުންވަނީ ބުނެފައެވެ. ބަޣުދާދާއި ދެކުނުގެ ސިޓީތަކުގެ ތެރެއިން ނާޞިރިއްޔާ، ޢަމާރާ، ނަޖަފް އަދި ޙިއްލާގައި ކާފިއު އިޢުލާނުކޮށްފައިވާއިރު، މުޒާހަރާތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރުންވަނީ ގާތްގަނޑަކަށް މުޅި ޤައުމުން އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފައެވެ.

ޒަމާންވީ ދާޚިލީ ހަނގުރާމައިގެ ހަމަނުޖެހުންތަކަށްފަހު، ޤައުމުގެ އިޤުތިޞާދު ރަނގަޅު ދުވެއްޔެއްގައި ކުރިއަށްނުދާތީ، ޢިރާޤު ރައްޔިތުން ބޭނުންވަނީ އާއްމުވެފައިވާ ކޮރަޕްޝަން ހުއްޓުވައި، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރާށެވެ. މުޒާހަރާގެ ބައިވެރިންގެ ވިސްނުންހުރީ ހަމައެކަނި ސަރުކާރުން މިކަންކަން ކޮށްދިނުމަށްވުރެ މުޅި ޢިރާޤު ސިޔާސީގޮތުންވެސް ހަމަޖެހުމަކަށް ގެނައުމެވެ.

އިންޓަނެޝަނަލް މަނިޓަރީ ފަންޑުން ބަޔާންކުރާގޮތުގައި ޢިރާޤަކީ ދުނިޔޭގައި 4 ވަނައަށް އެންމެ ގިނައިން ތެލުގެ ރިޒަރވް ހުރި ޤައުމެވެ. ނަމަވެސް ވޯލްޑްބެންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޢިރާޤުގެ އާބާދީގެ 5 ބައިކުޅަ 3 ބައި މީހުންނަކީ ދުވާލަކަށް 6 ޑޮލަރަށްވުރެވެސް މަދު ޢާމްދަނީއެއް ލިބޭމީހުންނެވެ.

ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެން ނެތްއިރު، އެތަކެއްމިލިޔަން މީހުންނަށް ރަނގަޅު ސިޢްޙީ ފަރުވާނުލިބުމާއި، ރަނގަޅު ތަޢުލީމީ ފުރުޞަތުތަކާއި، ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އަދި އެމެރިކާއިން އިސްވެ އޮވެ، އިރާޤާއި ދެކޮޅަށްކުރި ހަނގުރާމައާއި އދއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާޤުގެ ޢުމްރާނީ ވަޞީލަތްތައް ހުރީ ސުންނާފަތިވެފައެވެ.

2017ގައި އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ ޢިރާޤުން ކާމިޔާބުކޮށް، ކޮންމެވެސް ވަރެއްގެ ދާޚިލީ ހަމަޖެހުމެއް ޤާއިމުކުރިނަމަވެސް އިޤްތިޞާދީގޮތުން އިރާޤުވަނީ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

މި މުޒާހަރާތަކާއި ގުޅިގެން ބޮޑުވަޒީރު ޢާދިލް ޢަބްދުލްމަޙްދީ ވިދާޅުވެފައިވަނީ މިކަމަށް ކުއްލި ޙައްލެއް ނުހޯދޭނެކަމަށެވެ. މީގެ އިތުރުން ޢާދިލްވަނީ ޤައުމުގެ އެންމެ ފަޤީރު ޢާއިލާތަކަށް ޢާމްދަނީއެއް ދިނުމަށާއި އިތުރު ވަޒީފާތައް އުފެއްދުމަށް ޤާނޫނެއް ހައްދަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.