ވިޔަފާރި

އޮގަސްޓްމަހުގެ ނިޔަލަށް މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް!


މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެއިން ވަނީ 39443.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައިވަނީ 38083 މެޓްރިކް ޓަނުގެ މަހެވެ. މިއީ 3.4 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 38 ހާސް މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި 18 ހާސް މެޓްރިކް ޓަނުގެ ކަޅުބިލަސް މަހާއި، 11 ހާސް މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ހިމެނެއެވެ. ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތައް ނުހިމެނޭ ގޮތަށް އެކްސްޕޯޓްކޮށްފައިވަނީ 885 މެޓްރިކް ޓަނުގެ މަހެވެ. މިއީވެސް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެކްސްޕޯޓްކުރި 1385 ޓަނާއި އަޅާ ބަލާއިރު 36.2 އިންސައްތަ ދަށް އަދަދެކެވެ.

ގަނޑުކުރި މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވާއިރު، ދަޅު އަދި ޕޯޗްގައި ބަންދުކޮށްފައި އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް 5076 ޓަނުގެ މަސް ދަޅު އަދި ޕޯޗްގައި ބަންދުކޮށްފައި އެކްސްޕޯޓްކުރިއިރު، މިއަހަރުގެ އެމުއްދަތުގައި ވަނީ 5702 މެޓްރިކް ޓަނުގެ މަސް ދަޅު އަދި ޕޯޗްގައި ބަންދުކޮށްފައި އެކްސްޕޯޓްކޮށްފައެވެ.