ވިޔަފާރި

ރާއްޖޭގައި ޙަލާލް ޓޫރިޒަމް ފެށުމަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިފި


ރާއްޖެއަށް ޙަލާލް ޓޫރިޒަމް ތަޢާރަފްކޮށް، އެކަމާ ގުޅޭ މަސައްކަތްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވެއްޖެއެއެވެ.

ސަރުކާރުން މިދިޔަ ހަފްތާގައި އިފްތިތާޙުކުރި ކުރިއަށް އޮތް 4 އަހަރުދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވަނީ ޙަލާލު ޓޫރިޒަމް މާކެޓަށް ވަނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައެވެ. އެގޮތުން އެކަމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޤާނޫނުތަކާއި ޤަވާއިދުތައް ހެދުން އަންނަ އަހަރަށް ވަނީ ތާވަލްކޮށްފައެވެ. އަދި އެމަސައްކަތަށްފަހު ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ވަނީ އަންނަ އަހަރަށް ތާވަލްކޮށްފައެވެ.
ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގޮތުން ހަލާލް ޓޫރިޒަމްގެ ގޮތުގައި ތަރައްޤީކުރާނެ ރަށެއް ކަނޑައެޅުމަށްޓަކައި ބީލަމަށް ހުޅުވާލުމަށްވެސް ވަނީ ހިމަނާފައެވެ. އަދި އެދާއިރާ ކުރިއެރުވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާއި ބެންކުތައް ގުޅިގެން ކުރާނެ މަސައްކަތްތަކެއްވެސް ވަނީ މި ޕްލޭންގައި ހިމަނާފައެވެ.

ޙަލާލް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ހަލާލް ޓޫރިޒަމްގެ ވިޔަފާރިކުރަމުންނެވެ.

ޙަލާލް ޓޫރިޒަމްގެ އިތުރުން، މައިސް ޓޫރިޒަމް، ކަލްޗަރަލް ޓޫރިޒަމް އަދި ސްޕޯޓްސް ޓޫރިޒަމްވެސް ރާއްޖެއަށް ތަޢާރަފްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.