ކުރީގެ ސަރުކާރުން ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ ޢިމާރާތުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ޙަވާލުކުރީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހެނީސްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ ޢިމާރާތުގެ މައްސަލަ ބޮޑެވެފައިވަނިކޮށް، އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި ޢިމާރާތްކުރުމަށް ނިންމާފައި އޮތް އެ ޢިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ މެލޭޝިޔާގެ ކުންފުންޏަކާ ޙަވާލުކުރީ 122 މިލިއަން ޑޮލަރަށްކަމަށެވެ. ނަމަވެސް ފަހުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ޢިމާރާތުގެ މަސައްކަތް ބަދަލުކުރުމުން، މަޝްރޫޢުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެގެންދިޔަކަމަށެވެ. އަދި އެހާހިސާބަށްވެސް އެމަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތްކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެމަޝްރޫޢުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އެޗްޑީސީ ހަމަޖެއްސީ 2017 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައިކަމަށާއި، އެހާތަނަށް ސަރުކާރުން މެލޭޝިޔާގެ ކުންފުންޏަށް ދައްކާފައި އޮތީ 7.9 މިލިއަން ޑޮލަރުކަމަށެވެ.
އެޗްޑީސީން ބުނީ އެމަޝްރޫޢުއަކީ އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ބޭރުން ކުއްލި ގޮތަކަށް އެޗްޑީސީގެ ދަށަށް ބަދަލުކުރި މަޝްރޫޢަކަށްވުމުން، އެޗްޑީސީއަށް ބޮޑު ލޯނެއް ނަގައިގެން ނޫނީ އެކަން ކުރެވެން ނެތްކަމަށެވެ. އަދި އެލޯނު އަނބުރާ ދެއްކެން އޮތީ ހުޅުމާލެއިން ނުއަގުގައި ބިންތަކެއް ވިއްކައިގެންކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އެޗްޑީސީގެ ބަޔާނުގައި މިމަޝްރޫޢުގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މެލޭޝިޔާގެ ކުންފުންޏާ މިހާރު މަޝްވަރާކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި މިމަޝްވަރާގައި އެޗްޑީސީއަށް ގެއްލުމެއް ނުވާނޭ ގޮތަކަށް އެމަޝްރޫޢަށް ބަދަލުތަކެއް ގެނެސް، މަޝްރޫޢު ކުރިއަށްގެންދިއުމަށް މަޝްވަރާކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ ޢިމާރާތުގެ މަސައްކަތާ ގުޅޭގޮތުން މައްސަލަތަކެއް އުފެދިފައިވަނީ، އެމަސައްކަތް ހަވާލުކުރި މެލޭޝިޔާގެ ކުންފުނިން އާބިޓްރޭޝަނެއް އެމައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެކުންފުނިން ބުނާގޮތުން އެމަޝްރޫޢުގެ ދަށުން މަސައްކަތްތަކެއްކޮށް، ވަކި ހިސާބަކުން ސަރުކާރުން ވަނީ އެމަސައްކަތް ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ. އެހެންކަމުން އެކުންފުނިން އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ މިހާތަނަށް ކުރި މަސައްކަތުގެ އަގު ހޯދުމަށާއި، މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.