ފެންބޮޑުވުމުގެ ސަބަބުން އިންޑިއާގެ ބިހާރުގައި އާއްމު ދިރިއުޅުމަށް ބުރޫއަރައިފިއެވެ.
އިންޑިއާގެ ވިއްސާރަ މޫސުން އާއްމުކޮށް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް ދިގުދެމިގެންދެއެވެ. މިއަހަރު ވެހުނު ވާރޭ އެހެން އަހަރުތަކަށްވުރެ %10 އިތުރުކަމަށް ރިކޯޑުތައް ދައްކާއިރު، ކަމާގުޅުންހުރި ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރުގެ ވިއްސާރަ މޫސުން ނިމޭނެކަމަށް ބެލެވެނީ އޮކްޓޫބަރު މަހުގެ ކުރީކޮޅެވެ. އެއީ، އެހެން އަހަރުތަކާ އަޅާބަލާއިރު އެއް މަހަށްވުރެ ފަހެވެ.
ދިގުދެމިގެންދިޔަ ވިއްސާރަ މޫސުމުގެއަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުއްތަރު ޕްރަދޭޝްއާއި ބިހާރަށެވެ. ބިހާރުގެ ވެރިކަންކުރާ ރަށް ޕަޓްނާގައި ގާތްގަނޑަކަށް 2 މިލިއަން މީހުން ދިރިއުޅެމުންދާއިރު، އެ އަވަށުގައި ސަރުކާރުން ފެން ޕަމްޕުތައް ބޭނުންކޮށް ފެން ހިއްކުމުގެ މަސައްކަތް ފެށިފަހުންވެސްވަނީ އާއްމު ދިރިއުޅުމަށް ބުރޫއަރާވަރަށް ފެންބޮޑުވެފައެވެ. ޕަޓްނާގެ އަވަށުގެ މީހުން މިހާރު ތަންތަނަށް ދާންޖެހެނީ ކަކުލާ ހަމަޔަށް ހުންނަ ފެންގަނޑުތައް ތެރެއިންނެވެ.
މީގެ އިތުރުން، އުއްތަރު ޕްރަދޭޝްގެ އަވަށެއްކަމަށް ވަރަނާސީގައިވެސް އާއްމު ޙާލަތަށް ރުޖޫޢަވުންވަނީ އުނދަގޫކަމަކަށްވެފައެވެ.
މިދިޔަ ހަފުތާގައި އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއްކަމަށްވާ މަހާރާޝްތްރާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސްޓޭޓްގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޕޫނޭގައިވެސް ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ވިއްސާރަ މޫސުމުގައި އެކި ސްޓޭޓްތަކުގައި ފެންބޮޑުވެ މީހުން މަރުވެ އަދި މާއްދީ ބޮޑެތި ގެއްލުންތައް ކޮންމެ އަހަރަކު ލިބެމުންދެއެވެ.