ތަޢުލީމު

ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގެންފި


ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަޢުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ޙާޞިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަޚްޞިއްޔަތުގެ ހަރުދަނާ ކަމާއި އެދަރިވަރުން އަނެކުންނާ މުޢާމަލާތުކުރާ ގޮތާއި ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަންފަދަ ކަންތައްތައްކަމަށެވެ. އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުން ނޫންކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިހާރުގެ ތަޢުލީމީ ސިޔަސަތަކީ ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމަޢަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމުގައެވެ. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، މި ސިޔާސަތުތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އިލްތިމާސްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމަށް، އދ.ގެ ތަޢުލީމާއި ސައެންސާއި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ކަނޑައެޅުމުގެ މަޤްޞަދުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، މުޖްތަމަޢާއި ދަރިވަރުން ތަރައްޤީކުރުމުގައި މުދައްރިސުން އަދާކުރާ ދައުރާއި، މުދައްރިސުންގެ މަސައްކަތްތައް ރަނގަޅަށް ދެނެގަތުމުގެ ފުރުޞަތު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ފަހިކޮށްދިނުމާއި މުދައްރިސުންގެ ޙާލަތު ރަނގަޅުކޮށްދިނުމުގައި ހުރިހާ ގޮތަކުންވެސް އެހީތެރިވެދިނުންކަމަށެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރު ކަމުގައިވާ، "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މި ޝިޢާރުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން މި ޝިޢާރުން އެނގެނީ، ޤައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުކަންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ތަރައްޤީއާއި ފައިހަމަވާ ގޮތަށް، އެ މުޖްތަމަޢެއް ހަރުދަނާވެ ކުރިއަރައި ތަރައްޤީވާނީ، ޒަމާނީ ތަޢުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަންވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޚިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދު ނޫންކަން ފާހަގަކުރައްވައި ތަޢުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަޣްލަބިއްޔަތަކީ ވެސް ޒުވާނުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު ތަމްރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް އިތުރުކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މިއަހަރުގެ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، މުދައްރިސުން ބިނާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ އެންމެހައި ބޭފުޅުންނަށްވެސް، ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.