ޚަބަރު

ސަބްމެރިން މެދުވެރިކޮށް އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓުކޮށްފި


ސަބްމެރިން މެދުވެރިކޮށް އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓުކޮށްފައިވާކަމަށް އެ ޤައުމުގެ އަވަށްޓެރި ދެކުނު ކޮރެއާއިން ބުނެފިއެވެ. މިކަމާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުތުރު ކޮރެއާގެ މި ޢަމަލަކީ އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި ޚިލާފު ޢަމަލެއްކަމަށެވެ.

އުތުރު ކޮރެއާއިން މި މިސައިލް ޓެސްޓްކޮށްފައިވަނީ އެމެރިކާއާއެކު ނިޔުކްލިއަރ ހަތިޔާރު މަދުކުރުމުގެ ވާހަކަތައް ފަށަން ގާތްވަމުންދާ ދަނޑިވަޅެއްގައެވެ. މިހެންވުމުން، ދެ ޤައުމުގެ ދެމެދުގައި ފަށަން ތައްޔާރުވެފައިވާ ވާހަކަތަކަށް ބުރޫއަރާނެކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުންވަނީ ބުނެފައެވެ.

އުތުރު ކޮރެއާއިން ބުނެފައިވަނީ ދުރުރާސްތާ ބެލިސްޓިކް މިސައިލްތައް ޓެސްޓްކުރަންޖެހެނީ ބޭރުން އަތުވެދާނެ ނުރައްކަލަކުން އެ ޤައުމު ދިފާޢުކޮށްފައި ބޭއްވުމަށެވެ. އުތުރު ކޮރެއާއިން މިސައިލް ޓެސްޓްކުރުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވަނީ ރުޅިއެރުވުމުގެ އެފަދަ ޢަމަލުތަކާ ދުރުވެ، ނިޔުކްލިއަރ ހަތިޔާރާގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ވެފައިވާ އެއްބަސްވުންތަކަށް ޢަމަލުކުރުމަށް ގޮވާލާފައެވެ. އުތުރު ކޮރެއާގެ މި ޢަމަލާމެދު ކަންބޮޑުވާކަން ދެކުނު ކޮރެއާއިންވަނީ ހާމަކޮށްފައެވެ.

ދެކުނު ކޮރެއާގެ ސިފައިން ބުނީ 450 ކިލޯމީޓަރުގެ ދުރުން އުތުރު ކޮރެއާ ބަލިސްޓިކް މިސައިލެއް ޓެސްޓުކުރިކަމަށާ އެ މިސައިލް ކަނޑުގެ ސަތަހުން 910 ކިލޯމީޓަރު އުހަށް ދަތުރުކުރުމަށްފަހު އޭގެބައިތައް ވެއްޓުނުތަން ފެނިފައިވާކަމަށެވެ. އުތުރު ކޮރެއާއިން ޓެސްޓުކޮށްފައިވަނީ އެ ޤައުމުން އުފައްދާ ޕުކްގަކްސޮންގް މަރުކާގެ މިސައިލެއްކަމަށާ އެ މިސައިލް އުދުއްސާލީ ސަބްމެރީނަކުންކަމަށް ބެލެވޭކަމަށް ދެކުނު ކޮރެއާގެ ސިފައިން ނެރުނު ބަޔާނެއްބުނެއެވެ.

ދެކުނު ކޮރެއާގެ ސިފައިންގެ އަސްކަރީ ޖާސޫސީ އިދާރާއަކީ އުތުރު ކޮރެއާގެ މިސައިލް ޓެސްޓުތަކަށް ފާރަލައި، އެ ޓެސްޓުތައް ބަލައި، ޑިޓެކްޓް ކުރަމުންގެންދާ އިދާރާއެކެވެ. އުތުރު ކޮރެއާގެ ޕުކްގަކްސޮންގް މަރުކާގެ ބެލިސްޓިކް މިސައިލަކީ ސަބްމެރިން ލޯންޗްޑް ބެލިސްޓިކް މިސައިލް ނުވަތަ ސަބްމެރިން މެދުވެރިކޮށް ފޮނުވުމަށް ޚާއްސަކޮށްގެން އެ ޤައުމުން ތަރައްޤީކޮށްފައިވާ ބާރުގަދަ މިސައިލެއްކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާއަކީ ކަނޑުއަޑީގައި ދަތުރުކުރާ ސަބްމެރިން މެދުވެރިކޮށް އެއްގަމާއި ޖައްވަށް ބެލިސްޓިކް މިސައިލް ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.