ކުޅިވަރު

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމް ދުބާއިއަށް


ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަސް ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމަށް އަންނަ އަހަރު ދުބާއިގައި އޮންނަ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އެ މުބާރާތުން ފުރުސަތު ލިބުނު ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމު ވާދަކުރާނީ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ. ދުބާއީގައި ބާއްވާ އެ މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް ފަދަ ވަރުގަދަ ކްލަބުތަކުގެ އެކަޑަމީތަކުން ބައިވެރިވާނެއެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޑްރީމް ޓީމު ވަނީ ހޮވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ.

ޑްރީމް ޓީމުގައި އެކި ސްކޫލުތަކަށް ނިސްބަތްވާ ޖުމްލަ ނުވަ ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންނަކީ އެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެޓީމުގައި ގޯލްކީޕަރަކާއި ދެ ސެންޓްރަލް ޑިފެންޑަރުންނާއި ދެ ފުލް ބެކާއި ހޯލްޑިންގ މިޑްފީލްޑަރަކާއި އެޓޭކިންގ މިޑްފީލްޑަރެއްގެ އިތުރުން ދެ ސްޓްރައިކަރު ހިމެނެއެވެ. އެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގާޒީ ސްކޫލުގެ ކުޅުންތެރިންނެވެ.