ޚަބަރު

ދެކުނު ކޮރެޔާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީގެ ޚާއްސަ ކެމްޕެއިނެއް


ދެކުނު ކޮރެޔާގައި ރާއްޖެ އިޝްތިހާރުކުރުމަށް ސިންގަޕޯރ އެއަރލައިންސްއާއި ގުޅިގެން އެމްއެމްޕީއާރުސީން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

"ފްރީ އިންޑެޕެންޑެންޓް ޓްރެވަލާރސް އެންޑް ހަނީމޫން ޕްރޮމޯޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންއަކީ ދެކުނު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ސިންގަޕޯރ އެއާރލައިންސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރާ ކޮރެއާގެ ފަތުރުވެރިންނަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައިވެއެވެ. އަދި މި އެއަރލައިންގެ ދަށުން ހިންގާ ކްރިސް ފްލަޔާރސްތަކަށް ވެސް ރާއްޖެ ދަތުރުކުރުމުގައި އިތުރު 5 އިންސައްތައިގެ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮމޯޝަން ގައި ބައިވެރިވާ ފުރަތަމަ 350 ބައިވެރިންނަށް 40 ޑޮލަރުގެ ވައުޗަރެއް ލިބިގެން ދާނެއެވެ. މީގެ އިތުރުން ސިންގަޕޯރގެ ޗަންގީ އިންޓަރނެޝަނަލް އެއާޕޯޓުގައި ޓްރާންސިޓްކޮށް ކޮރެއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް 20 ޑޮލަރުގެ ވައުޗާރ އެއްވެސް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ވައުޗާރ ބޭނުން ކުރެވޭނީ އެއާޕޯޓް ފިހާރަތަކާއި ޓްރާންސިޓް ޓާރމިނަލްގެ އެމްބެސެޑަރ ލައުންޖްގަ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ ރާއްޖެ އައުމަށް ސިންގަޕޯރ އެއާލައިންސްގެ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން ނުވަތަ އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނެގުމުންކަމަށެވެ.

އެމްއެމްޕީއާރުސީގެ މި ޕްރޮމޯޝަން ކުރިއަށްދާނި 30 ނޮވެމްބަރު 2019 އިން 30 ޖޫން 2020 ވަނަ އަހަރާއި ހަމައަށެވެ.

އެމްއެމްޕީއާރުސީއާއި ސިންގަޕޯރ އެއަރލައިންސްއާއި ގުޅިގެން ރާއްޖެ މާކެޓްކުރުމުގެ ކެމްޕެއިންތައް ހިންގުމަށް ދެފަރާތުން އެއްބަސްވެފައިވާއިރު މިހާރުވެސް 6 މާކެޓެއްގައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށްގެންދަމުން އެބަދެއެވެ. އޭގެތެރޭގައި ޗައިނާ، އޮސްޓްރޭލިއާ، އެމެރިކާ، ޖަޕާން، ދެކުނު ކޮރެއާ އަދި ސިންގަޕޯރ ހިމެނެއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ އަމާޒަކީ ދެކުނު ކޮރެއާގައި ޓޫރިޒަމް ފުޅާދާއިރާއެއްގައި އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމެވެ.