މުނިފޫހިފިލުވުން

9 ވަނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހު


9 ވަނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހު ބާއްވަން ނިންމާ އެވޯޑުގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވާދަކުރާ ވަރަށް ފިލްމުތައް ނެތުމުން މިދިޔަ އަހަރު ނުބާއްވަން ނިންމި 9 ވަނަ ދިވެހި އެވޯޑްސް އަންނަ މަހު ބާއްވަން ނިންމިނަމަވެސް އެވޯޑް ނައިޓް އޮންނާނެ ރެއެއް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އަކުން އަދި ނުބުނެއެވެ.

އެންސީއޭއިން ބުނީ މިފަހަރުގެ އެވޯޑްސްގައި ބައިވެރިކުރާނީ 2017 ވަނަ އަހަރާއި 2018 ވަނަ ރިލީޒުކުރި ފިލްމުތަކެވެ. އެގޮތުން މި އެވޯޑްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި ދިވެހި ފިލްމު އެވޯޑާއި ދިވެހި ފިލްމު ފެސްޓިވަލްގެ އުސޫލުވެސް އެންސީއޭއިން ވަނީ އާއްމުކޮށްފައެވެ. އަދި މި އުސޫލުގައިވާ ދިވެހި ފިލްމު ފެސްޓިވަލްގެ ބައި ކުރިޔަށް ގެންދާނީ 10 ވަނަ ފިލްމު އެވޯޑުން ފެށިގެން ކަމަށްވެސް އެންސީއޭއިން ބުނެއެވެ.

އެވޯޑްގައި ފިލްމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެންސީއޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ ފިލްމު އެވޯޑްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިކޮށްފައިވަނީ 7 ފިލްމެވެ. އެހެންކަމުން އެވޯޑް ނައިޓް ބާއްވާފައެއް ނުވެއެވެ.

2017 ވަނަ އަހަރު ދިވެހި ސިނަމާތަކަށް އައިސްފައިވަނީ 8 ފިލްމެވެ. މިދިޔަ 2018 ވަނަ އަހަރު ސިނަމާތަކަށް އައިސްފައިވަނީ އެންމެ ފަސް ފިލްމެވެ.

ކުރިން ޤައުމީ ފިލްމު އެވޯޑްގެ ނަމުގައި ބާއްވަމުން އައި އެވޯޑްގެ ނަން ދިވެހި ފިލްމު އެވޯޑަށް ބަދަލުކުރީ 2016 ވަނަ އަހަރުއެވެ.