އިންޑިއާއާއި އެމެރިކާއާ ދެމެދު ކުރިޔަށްދާ ވިޔަފާރީގެ ވާހަކަތަކަށް ކުރިއެރުން ލިބިފައިވާކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.
ވޮޝިންޓަންގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޖަޔަޝަންކަރު ވިދާޅުވީ ލިބިފައިވާ ކުރިއެރުންތަކާއެކު ވިޔަފާރީގެ އެއްބަސްވުމުގައި އިންޑިއާއާއި އެމެރިކާއިން ލަސްތަކެއްނުވެ ސޮއިކުރާނެކަމަށެވެ. ޕޮމްޕެއޯއާއި ޖަޔަޝަންކަރު ބައްދަލުކުރައްވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުދިއްލީއަށް ވަޑައިގެންނެވިތާ ދެ ދުވަސްފަހުންނެވެ. މޯދީގެ ދަތުރުފުޅާމެދު ދެ ޤައުމު ހިތްހަމަޖެހޭކަން ޕޮމްޕެއޯއާއި ޖަޔަޝަންކަރުވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާއާއި އިންޑިއާއާ ދެމެދު ކުރިޔަށްދާ ވިޔަފާރީގެ ވާހަކަތައް މަތީ މަރުޙަލާއަކަށް ގޮސްފައިވާއިރު ދެ ޤައުމުގެވެސް ބޭނުމަކީ ލަސްތަކެއްނުވެ، އެއްބަސްވުމަކާ ހަމައަށްގޮސް އެއްބަސްވުމެއް ވުޖޫދަށްގެނައުމެވެ. ޕޮމްޕެއޯއާއެކު ކުރެވުނު މަޝްވަރާތަކުގައިވެސް އެމެރިކާއާއި އިންޑިއާގެ ވިޔަފާރިއާބެހޭ ވާހަކަތައް ވަރަށްބޮޑަށް ހިމެނުނުކަން ޖަޔަޝަންކަރުވަނީ ފާހަގަކުރައްވާފައެވެ
އެމެރިކާއާއި އިންޑިއާ ދެމެދު ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކަށް ބުރޫއެރީ އެމެރިކާއިން އިންޑިއާއަށް ދެމުންގެންދިޔަ ވިޔަފާރީގެ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިންވަނީ އެ ޤައުމަށް އިންޕޯޓްކުރާ އެމެރިކާގެ މުދަލުގެ ތެރެއިން އަށާވީސް ބާވަތެއްގެ މުދަލުން ޓެރިފް ބޮޑުކުރުމަށް ނިންމާފައެވެ.