އިއްޔެ ހަވީރު ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ އެ ހާދިސާގައި އަނދައިގެން ދިޔަ ލޯންޗުގައިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިއްޔެގެ އަލިފާނުގެ ހާދިސާގައި ރޯވެ އަނދާފައިވަނީ އއ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުންދާ ފެރީ "ނެވި 3" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މިލޯންޗަކީ 60 މީހުންގެ ޖާގައިގެ އުޅަނދެކެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ލި ލޯންޗެ ވެރިފަރާތުން އިއްޔެ ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ އެ ލޯންޗަށޤ ޕެޓްރޯލް އަޅަން އެސަރަހައްދަށް ގޮސް އުޅުނިކޮށް އެސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުގައި ރޯވި އަލިފާންގަނޑު ބޮޑުވެ ލޯންޗުގައި ހިފުމުންކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ތަހުޤީޤަށް ފަހު މިއަދު އެ އިދާރާއިން ވިދާޅުވީ މިހާތަަނަށް ބެލިބެލުމުން ފުރަތަމަ ރޯވެފައިވަނީ ލޯންޗްގައިކަމަށެވެ. މި ހާދިސާގައި އެ ލޯންޗްގައި ތިބި ހަތަރު ދިވެއްސަކު ފިހި މީގެ ތެރެއިން 2 މީހަކުގެ ހަށިގަނޑު 50 އިންސައްތަ ފިހިފައިވާކަމަށެވެ. އަދި ލޯންޗު ކައިރީގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ތިބި 2 ބިދޭސީއަކަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. މީގެއިތުރުން އެ ސަރަހައްދުގައި އޮތް ތެޔޮ ބޯޓެއްގައި ހުރި މީހަކުވެސް ފިހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އިއްޔެ ހަވީރު 3:40 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ގަނޑު ކޮންޓްރޯލްވެ ނިންވާލެވިފައިވަނީ 17:05 އެހާކަންހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.
އަލިފާނުގެ ހާދިސާގައި 10 ތެޔޮ ބައުޒަރަށް އެކިވަރުގެ ގެއްލުން އޭގެތެރެއިން 4 ތެޔޮ ބައުޒަރެއް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އަލިފާން ރޯވި ލޯންޗް އަނދާ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވަނިކޮށް މިއަދު އެ ލޯންޗު ވަނީ ފަޅުތެރެއިން ނަގާފައެވެ.
އިއްޔެގެ ހާދިސާއާއި ގުޅިގެން އިތުރަށް ސާފުކޮށް ޔަގީންކުރަންޖެހޭ ކަންތައްތައް ޔަގީންކޮށް މައްސަލަ ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.