ވިޔަފާރި

ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ


ފާއިތުވި އޮގަސްޓް މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 22 އިންސައްތަ ދަށްވެއްޖެއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓްމަހު ދިވެހިރާއްޖެއިން 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެއިތުރުން، ކަސްޓަމްސް މެދުވެރިކޮށް ފާއިތުވި އޮގަސްޓްމަހު ދައުލަތަށް ލިބުނު އާމްދަނީވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހު 301 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓްމަހު މި އަދަދުވަނީ 262 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.

މިދިޔަ އޮގަސްޓްމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ޤައުމުތަކަށް ބަލާއިރު، އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރު، ޔޫއެއީ، ޗައިނާ ހިމެނެއެވެ. މީގެ ކޮންމެ ޤައުމަކުން ޖުމްލަ އިމްޕޯޓުގެ 14 އިންސައްތަ ހިއްސާކުރެއެވެ.

އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާއަށެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 23 އިންސައްތައެވެ. އިނގިރޭސިވިލާތުން ޖުމްލަ އެކްސްޕޯޓުގެ 14 އިންސައްތަ ހިއްސާކުރާއިރު ފްރާންސްއިން ޖުމްލަ އެކްސްޕޯޓުގެ 13 އިންސައްތަ ހިއްސާކުރެއެވެ.

އެންމެ ގިނައިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ ކާނާގެ ބާވަތްތަކާއި މެކޭނިކަލް އަދި މެޝަނަރީޒްއެވެ. ދެވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ.

އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކަޅުބިލަމަހެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 23 އިންސައްތައެވެ.