ވިޔަފާރި

އއ.މަތިވެރީގެ އެންމެ ބޮޑު ގެސްޓް ހައުސް 50 އަހަރަށް ޖާބިރުގެ ކުންފުންޏަކަށް


އއ. މަތިވެރީގައި ހުންނަ އެންމެ ބޮޑު ގެސްޓް ހައުސް 50 އަހަރަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ކުއްޔަށް ދީފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ޖާބިރުގެ ހިއްސާ ރިޗް ކްލަބް މޯލްޑިވްސްއަށް ގެސްޓް ހައުސް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރިޗް ކްލަބް މޯލްޑިވްސްއަށް ގެސްޓް ހައުސް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން، ބަންޑާރަ ނާއިބުގެ ލަފާފުޅުގެ މަތިންކަމަށެވެ.

އަލީ ވަޙީދުގެ ވާހަކަފުޅުގައި މިސަރުކާރަކީ ސިޔާސީ ފިކުރަށް ބަލައިގެން މީހުންނަށް ފިޔަވަޅު އަޅާ ސަރުކާރެއް ނޫންކަން ޖާބިރުގެ ގެސްޓް ހައުސްއާމެދު އަމަލުކުރި ގޮތުން ހާމަވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މަސައްކަތްކުރާނީ ސިޔާސީ ފިކުރަށް ނުބަލާ، ޤާނޫނާ ޤަވާއިދުގެ ތެރެއިންކަމަށް ޓުއަރިޒަމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރިޗް ކްލަބް މޯލްޑިވްސްއަށް 50 އަހަރަށް ކުއްޔަށްދިން ގެސްޓް ހައުސްއަކީ ދެ ބިމެއްގައި ތަރައްޤީކޮށްފައިވާ ގެސްޓް ހައުސްއެކެވެ. މިތަން އެންމެ ފުރަތަމަ ހެންވޭރު މާކޮށާރުގޭ އަބްދުއްރައްޒާގު ނަމަކަށް ކިޔާ މީހަކަށް ކުއްޔަށް ދޫކޮށްފައިވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޤާނޫނީ މައްސަލަތަކެއް ދިމާވެ، 2018 ވަނަ އަހަރުގެ ސެމްޓެމްބަރުމަހު ގެސްޓް ހައުސް ވަނީ ބަންދުކޮށްފައެވެ.

އޭގަފަހުން ގެސްޓް ހައުސް އަލުން ހިންގަން ފެށިނަމަވެސް، ކައުންސިލާއި ގެސްޓް ހައުސް ކުއްޔަށް ނެގި ފަރާތާއި ދެމެދު އުފެދުނު މައްސަލަގަނޑެއްގައި، އެއްބަސްވުން ބާތިލްކޮށް، ގެސްޓް ހައުސް ހިންގުން އޮތީ ހުއްޓުމަކަށް އައިސްފައެވެ. އަދި އޭގެފަހުން ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސްއަށް މިތަން ކުއްޔަށްދިނުމަށް އެތަން ހިންގަމުން ދިޔަ ފަރާތުން ނިންމާ، އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަހަރު ކުރީކޮޅު ވަނީ ސޮއިކޮށްފައެެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން އެކަމާ ގުޅޭ އެއްބަސްވުމުގައި ރިޗް ކްލަބް މޯލްޑިވްސްއާއެކު ސޮއިކޮށްފައި މިވަނީ ބަންޑާރަ ނާއިބު އެކަމަށް ހުރަހެއް ނެތްކަމަށް ބުނެ ލަފާ ދެއްވުމުންނެވެ.