ވިޔަފާރި

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ފަށައިފި


އޯރކާ މީޑިއާ ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށައިފިއެވެ.

މިމަހުގެ 29 އިން 30 އަށް ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލް އެވެ.

އޯރކާ މީޑިއާ ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ބާއްވާ ހަރަކާތެކެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ގިނައިން ހުށަހަޅާފައިވަނީ ގޯލްޑް 100 އަށް ހޮވުނު ރާއްޖޭގެ ކުންފުނިތައްކަމަށްވެސް އެކުންފުނިން ބުނެއެވެ އެގޮތުން ރާއްޖޭގެ 80 ކުންފުންޏަކުން މި އެކްސްޕޯގައި ސްޓޯލްތައް ބަހައްޓާފައިވެއެވެ.

އޯރކާ މީޑިއާއިން ބުނީ ބިޒްނަސް އެކްސްޕޯއަށް ދާއިރާގެ 1500 ތަޖުރިބާކާރުންނާއި 150 ބިޒްނަސް އެގްޒިބިޓަރުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ބިޒްނަސް އެކްސްޕޯއާއެކު އިތުރު ހަތަރު ސަމިޓެއް ވެސް ކުރިއަށްދާނެއެވެ. އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

މިއަދު ކުރިިއަށްދާނީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް އަދި މޯލްޑިވްސް ޓެކް ސަމިޓް އެވެ. އަދި މާދަމާ މޯލްޑިވްސް ފައިނޭންޝިއަލް ޕްރޮފެޝަނަލްސް ސަމިޓް އަދި މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް ކުރިއަށްދާނެކަމަށް އޯރކާއިން ބުނެއެވެ.

އޯރކާއިން ބުނީ މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ އޯރކާ މީޑިއާ ގްރޫޕުން ބުނެއެވެ.