ވިޔަފާރި

ސަޢުދީ އަރަބިއްޔާއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ހުއްދަ ދޭން ނިންމައިފި


ސަޢުދީ ޢަރަބިއްޔާއަށް ބޭރުގެ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމަށް އެޤައުމުން ނިންމައިފިއެވެ.

ސަޢުދީ ޢަރަބިއްޔާއަށް ބޭރުގެ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމަށް އެޤައުމުން ނިންމާފައި މިވަނީ، އެޤައުމުން ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް އިޤްތިޞާދީގޮތުން ގެންނަ ބަދަލުތަކުގެ ތެރެއިންނެވެ. އެގޮތުން 49 ޤައުމަކުން ސަޢުދީ ޢަރަބިއްޔާއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ހުއްދަ ދިނުމަށް އެޤައުމުން ނިންމާފައިވާކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ސަޢުދީ ޢަރަބިއްޔާއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ޚާއްސަ ވިސާއެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު އެޤައުމުން ވިސާ ދޫކުރަނީ މަސައްކަތްކުރުމަށް އަންނަ ފަރާތްތަކަށާއި، ވިޔަފާރިވެރިންނާއި އަދި ޙައްޖާޖީންނަށް އެކަންޏެވެ.

ސަޢުދީ ޢަރަބިއްޔާއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ހުއްދަ ދިނަސް، ފަތުރުވެރިން އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ރީތިކޮށް ހެދުން އެޅުން ހިމެނެއެވެ. އަދި ރަލުގެ އެއްވެސް ބާވަތެއް ބޭނުންކުރުން މަނާއިރު، މައްކާއާއި މަދީނާއަށް ޒިޔާރަތްކުރުންވެސް ފަތުރުވެރިންނަށް މަނާވާނެއެވެ.

ސަޢުދީ ޢަރަބިއްޔާއިން ތެލަށް ބަރޯސާ މިންވަރު ކުޑަކުރުމަށް އެޤައުމުގެ ވަލީ އަހުދް މުހައްމަދު ބިން ސަލްމާން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުން ހިމެނޭއިރު، އެކަމުގެ ތެރެއިން 1 މިލިއަން ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އެޤައުމުން ދެކެއެވެ. އަދި ރެޑްސީގައި 50 ރިސޯޓް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.

ސަޢުދީ ޢަރަބިއްޔާއިން މަސައްކަތްކުރަމުންދަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ފަތުރުވެރިކަމަކީ އެޤައުމުގެ ޖީޑީޕީގެ 10 އިންސައްތައަށް ހެދުމަށެވެ. މިހާރު އެއަދަދު އުޅެނީ 3 އިންސައްތައިގައެވެ.