ކުޅިވަރު

ގްރީން ސްޓްރީޓްސްއާއި އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ރޭ ގްރީން ސްޓްރީޓްސް އާ އީގަލްސް ވާދަކުރި މެޗު ނިމުނީ 1-1 އިންނެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްފައެވެ. ލީގުގެ އެއް ވަނައިގައި އޮތީ ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދި މާޒިޔާއެވެ. ގްރީން ސްޓްރީޓްސް އާއި ޓީސީއަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ދެ ވަނަ ލިބެނީ ގްރީން ސްޓްރީޓްސްއަށެވެ. ތިން ވަނައިގައި ޓީސީ އޮތްއިރު 15 ޕޮއިންޓާއެކު އީގަލްސް އޮތީ ހަތަރު ވަނައިގައެވެ.

ކްލަބް އީގަލްސް ރޭގެ މެޗަށް ނުކުތްއިރު ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަންގެ އިތުރުން ގޯލްކީޕަރު ސުޖަން ޕެރޭރާ ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައެވެ. މި ކުޅުންތެރިންގެ ބަދަލުގައި އީގަލްސްއިން ކުޅެން ނުކުމެފައިވަނީ ޒުވާން ކުޅުންތެރިންނެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު ފުރަތަމަ ހާފު ނިމުނީ ގްރީން ސްޓްރީޓްސް 1-0 އިން ކުރީގައި އޮވެގެންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ސަލާހްއެވެ. އަރިމަތިން ކުޅެމުންދިޔަ މުހައްމަދު ރިސްވާން ޖައްސާލި ބޯޅަ ސަލާހް އަށް ލިބުމުން އޭރިޔާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ދެ ވަނަ ހާފުގައި އީގަލްސްއިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 75 ވަނަ މިނެޓުގައެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައެއް ހޯދުމަށް ފަހު އޭރިޔާތެރެއަށް ވަދެ ކައިރީގައި ތިބި ގްރީން ސްޓްރީޓްސްގެ ދެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ މި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އަލީ ފާސިރު (ސެންޓޭ)އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ، ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗުގެ ދެވަނަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކަމަށެވެ. އަދި މި މެޗުން އީގަލްސްއަށް ޕޮއިންޓެއް ހައްގު ކަމަށްވެސް އޭނާ ބުންޏެވެ. އަދި ދެވަނަ ހާފުގައި ގްރީންގެ އެޓޭކްތައް މަދުކަން ސުޒޭން ފާހަގަކުރިއެވެ.

"މީގަ ދެން މެޗަށް ބަލާއިރު ފަހު ހާފުގައި ވަރަށް ދަށްކޮށް ގްރީން ދިޔައީ. ފަހު ހާފުގެ ކުޅުމަށް ބަލާއިރު ބައިވަރު ކަންތައް ގޯސްކޮށް ގޮސްގެން އީގަލްސްއަށް ކޮންފިޑެންސް ލިބިގެން ވަރަށް ރަނގަޅަށް އެމީހުން ދެވަނަ ހާފުގައި ކުޅެގެން އެއްވަރުކުރީމި." ސުޒޭން ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، ޓީމުގެ ހާލަތަށް ބަލާއިރު، މި މެޗުން ޕޮއިންޓެއް ލިބުމުންވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުން ޕޮއިންޓެއް ލިބުނީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.

"ހަގީގަތުގައި އޮތް ހާލަތަށް ބަލާފައި ވަރަށް ހިތްހަމަޖެހޭ ނަތީޖާއާއި ދޭތެރޭ. ވަރަށް ރަނގަޅު ކުޅުންތެރިން މަސައްކަތްކުރި. އެހެން ދުވަސް ދުވަހު ނުފެންނަ ވަރަށް މަސައްކަތްކޮށްފި. ކުރި ދެ މެޗުގައި މި ވަރަށް މަސައްކަތްކުރިނަމަ މޮޅުވީސް އެ މެޗުތަކުން. ދެން ޗާންސް ވެސް ލިބުނު ސްކޯރ ނުކުރެވިގެން މޮޅެއް ގެއްލުނިމީ." މޯހަން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިިފައެވެ. މި މެޗުތައް ކުޅުމަށްފަހު ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ސީރިއާ ބައްދަލުކުރާ މެޗަށް ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ލީގުގެ ކުޅުން މެދު ކަނޑާލާނެއެވެ.