ވިޔަފާރި

ކޮކޫން މޯލްޑިވްސްގެ ކައިޓް ފެސްޓިވަލް ފަށައިފި


ކޮކޫން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ކައިޓް ފެސްޓިވަލް ފަށައިފިއެވެ.

މި ކައިޓް ފެސްޓިވަލްއަކީ މޯލްޑިވްސް މާކެޓީންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި ކޮކޫން މޯލްޑިވްސް ގުޅިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ.

ބައިނަލްއަޤްވާމީ ކައިޓް ފެސްޓިވަލް ފަށާފައިވާއިރު، ފުރަތަމަ ހަރަކާތް ބާއްވާފައިވަނީ އެކުވެނި ކްރިކެޓް ގްރައުންޑުގައެވެ. އެކުވެނި ސަރަޙައްދުގައި ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން ތަފާތު ވައްތަރުގެ ކައިޓް ނުވަތަ ގުޑިތައް ވަނީ އަރުވާފައެވެ.

މި ހަރަކާތް ކުރިޔަށްދާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ކޮކޫން މޯލްޑިވްސްއިން ބުނެއެވެ. ކައިޓް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި އެކު 3 ސަރަޙައްދެއްގައިއެވެ. މާލޭގެ ސްޓޭޑިއަމް ސަރަޙައްދުގެ އިތުރުން، ޅ. ހިންނަވަރު އަދި ކޮކޫން މޯލްޑިވްސް ރިސޯޓުގައިވެސް މިހަރަކާތް ކުރިއަށްދާނެއެވެ.

2018 ވަނަ އަހަރުގެ ކާމިޔާބީއާއެކު މިއަހަރު މި ފެސްޓިވަލް ކުރީއަހަރުތަކަށް ވުރެ ފުޅާކޮށް ބާއްވަން ނިންމާފައިވާއިރު މިއަހަރުގެ ފެސްޓިވަލުގައި އިޓަލީއާއި، ބްރެޒިލް އަދި ޗައިނާގެ ކައިޓް ފްލައި ޗެމްޕިއަނުން ބައިވެރިވެއެވެ. މާލޭގައި މިހަރަކާތް މިމަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު، ހިންނަވަރުގައި މި ހަރަކާތް ކުރިއަށްދާނީ އަންނަމަހުގެ 4 ވަނަދުވަހުއެވެ. އަދި ކޮކޫން މޯލްޑިވްސްގައި މިހަރަކާތް ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުން އަންނަމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހަރަކާތުގެ ތެރެއިން އާއްމުންނަށް ބައިވެރިވެވޭ ލަކީ ޑްރޯއެއް ކުރިއަށްދާއިރު، ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކައިޓް ފެސްޓިވަލް އިންތިޒާމްކުރާ ކޮކޫން މޯލްޑިވްސްއަކީ ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ފައިވް ސްޓަރ ރިސޯޓެކެވެ.