މުނިފޫހިފިލުވުން

ޑާކްރެއިިންގެ "ނޮވެމްބަރ" ޝޫޓިން ފަށައިފި


އެންމެ ކާމިޔާބު ފިލްމް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމް " ނޮވެމްބަރ" ގެ ޝޫޓިން ފަށައިފިއެވެ.

އައިޝަތު ފުއާދާއި އަހްމަދު ތޮލާލްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ މި ފިލްމްގެ ޝޫޓިން ފަށާފައިވަނީ މާލޭގައެވެ. މާލޭގެ އިތުރުން މި ފިލްމުގެ ބައެއް މަންޒަރުތައް އަތޮޅުތެރޭގައާއި ސިންގަޕޫރްގައިވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ލޯބީގެ މި ފިލްމުގެ ވެސް ލީޑް ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަގްބޫލު ޖޯޑު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާއެވެ. މި ދެތަރިންގެ އިތުރުން އައިޝަތު ޔާދާއާއި އިސްމާއިލް ވަޖީހްވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެކަމަށް ޑާކްރެއިން ބުނެއެވެ.

"ނޮވެމްބަރު"ގެ ޑައިރެކްޓަރަކީ މިހާރު ރާޢްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރ އަލީ ޝިފާއު ( ޗިއްޕެ) އެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާ މޮގާ އަދި އައިޝަތު ފުއާދެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މެދުކެނޑުމެއްނެތި 13 އަހަރު ޚިދުމަތްކޮށްފައިވާ ޑާކްރެއިންއިން ވަނީ މިދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ބެލުންތެރިންގެ މެދުގައި މަޤުބޫލު ފިލްމްތަކެއް ސްކްރީނަށް ދޫކޮށްލާފައެވެ.

ޑާކްރެއިންގެ އެންމެފަހުގެ ފިލްމް "މާމުއި"އަށް ވެސް ބޮޑު ތަރުޙީބެއް ބެލުންތެރިންގެ ފަރާތުން ލިބިގެންގޮސްފައިވާއިރު، އެ ސްޓޫޑިއޯއިން މިހާރުވެސް އަންނަނީ "ނޮވެމްބަރ" ގެ އިތުރުން ބެލުންތެރިންނާއި ހަމައަށް ފިލްމްތަކެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން "ބަޅިދު" އަދި "ބައިސާ"ގެ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.