ޚަބަރު

ޓްރަމްޕްގެ ޝަރީޢަތެއް ފަށަން ތައްޔާރުވެއްޖެ


އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ޑެމޮކްރަޓުން އިސްނަގައިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަޙުޤީޤެއްގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އެމެރިކާ ޤާނޫނުހަދާ މަޖިލިސް (ކޮންގްރެސް)ގެ ތިރިގެ، ހައުސް އޮފް ރެޕްޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ވިދާޅުވުމާއެކު އެކަމުގެ މަސައްކަތް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފަށައިފިއެވެ.

ހައުސް އޮފް ރެޕްރެސެންޓެޓިވްސުން ރައީސް ޓްރަމްޕާ ގުޅުންހުރި ޝަރީޢަތެއްކުރަން ނިންމީ ބޭރު ދަޢުލަތެއްގެ ކިބައިން ޖޯ ބައިޑަންގެ މައްސަލަ ބަލައިދިނުމަށް ޓްރަމްޕް އެދިވަޑައިގެންފައިވާތީ، އެއީ އެމެރިކާގެ ޤާނޫނު އަސާސީއާއި ޚިލާފުކަމެއްކަމަށް ބެލެވޭތީއެވެ. ޖޯ ބައިޑަންއަކީ 2020ވަނަ އަހަރު އޮންނަ ރިޔާސީ ރޭހުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރައީސް ޓްރަމްޕާ އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވޭ ބޭފުޅާއެވެ
.
ޤާނޫނޫހަދާ މަޖިލީހުގެ ތިރިގޭގައި ގިނައީ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންކަމަށް ވުމާއެކު، އެ ހުށަހެޅުން ފާސްވާނެކަމަށްވަނީ ބެލެވިފައެވެ. ތިރިގޭގެ ސްޕީކަރ ޕެލޯސީ ވިދާޅުވީ އެއްވެސް މީހަކީ ޤާނޫނަށްވުރެ މަތީގައި ހުރެވިގެންވާނެ މީހެއްނޫންކަމަށާއި މިހެންކަމުން ރައީސް ޓްރަމްޕް ޤާނޫނާ ޚިލާފުވި މައްސަލަ ބަލަންޖެހޭކަމަށެވެ. ޕެލޯސީ ވިދާޅުވީ ޓްރަމްޕުގެ ތަޙުޤީޤު ކުރިއަށްގެންދާނީ މިހާރުވެސް ކޮންގްރެސްގައި ޓްރަމްޕާ ގުޅުންހުރި ތަޙުޤީޤުތައް ކުރިއަށްގެންދާ ހަ ކޮމިޓީއަކުންކަމަށެވެ. އަދި މި މައްސަލައިގައި ޓްރަމްޕް މަޤާމުން ދުރުކުރަން ހުށަހަޅަންޖެހޭތޯ ނިންމާނީ އެ ކޮމިޓީތަކުންކަމަށެވެ. ޕެލޯސީގެ މި ނިންމުމާމެދު ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާއަށް ފާރަލައިގެން މި ހިންގާ ކަންކަމާމެދު އެއްވެސް ފަރުވާލެއްނެތްކަމަށެވެ.

ޕެލޯސީއަކީ ކުރިން ރައީސް ޓްރަމްޕާ ދެކޮޅަށް ތަޙުޤީޤެއް ހިންގަން ދެކޮޅުހެއްދެވި ބޭފުޅެކެވެ. އެހެންނަމަވެސް އެކަމަނާގެ ޚިޔާލު ބަދަލުވެގެން ގޮސްފައިމިވަނީ ރައީސް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ވޮލެޑްމިރް ޒެލިންސްކީއަށް ކުރެއްވިކަމަށް ބުނާ ފޯނުކޯލެއްގެ މައްސަލައިގައެވެ. ޒެލިންސްކީއަށް ފޯނުކުރައްވައި ޓްރަމްޕް ވިދާޅުވިކަމަށް ތުޙުމަތުކުރެވިފައިވަނީ ޖޯ ބައިޑަންއާއި އޭނާގެ ދަރިކަލުން ހަންޓަރ ބައިޑަން ޔޫކްރެއިންގައި ހިންގެވިކަމަށް ބުނާ ވިޔަފާރީގެ މައްސަލަތަކެއް ބަލައިދިނުމަށެވެ.

އެމެރިކާގެ ޤާނޫނު ބުނާ ގޮތުން، އެމެރިކާގައި ވެރިކަންކުރައްވާ ރައީސަކު މަޤާމުން ދުރުކުރުމަށް ކޮންގްރެސްގެ ތިރިގެއިން ފުރަތަމަ ރައީސާ ގުޅުން ހުރި މައްސަލައެއް ބެލުމަށްފަހު ރައީސްގެ މައްޗަށް ދަޢުވާ ކުރުމުން، އެ މައްސަލައިގެ ޝަރީއަތަށް ކޮންގްރެސްގެ މަތިގެކަމަށްވާ ސެނެޓަށް ހުށަހަޅާނީއެވެ. ރައީސް މަޤާމުން ދުރުކުރެވޭނީ ތިރިގެއިން ހުށަހެޅި ދަޢުވާތައް ސާބިތުވާކަމަށް 100 މެންބަރުން ހިމެނޭ ސެނެޓުގެ 67 މެންބަރުން ވޯޓު ދެއްވުމުންނެވެ.