ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުމަށް އިޙްތިރާމްކުރާނަން: ޖޮންސަން


ޤާނޫނީ ނިންމުންތަކަށް އިޙްތިރާމްކުރާކަމަށާއި އެހެންނަމަވެސް ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ވަކިވާނޭކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

މިމަހުގެ 10ވަނަ ދުވަހު އިނގިރޭސިވިލާތުގެ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ކޮމަންސް ސަސްޕެންޑުކުރެއްވީ ޤާނޫނާ ޚިލާފަށްކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން މިވަނީ ނިންމާފައެވެ. އިނގިރޭސި ސްޕްރީމް ކޯޓުގެ ރައީސް ބްރެންޑާ މާޖޯރީ ހޭލް ވިދާޅުވީ މަޖިލިސް ސަސްޕެންޑުކުރަންޖެހޭކަމަށް ސާބިތުވާ އެއްވެސް ހެއްކެއް އިނގިރޭސި ސަރުކާރަށް ދެއްކިފައިނުވާތީ މަޖިލިސް ސަސްޕެންޑުކުރަން ޖޮންސަން ނިންމެވި ނިންމެވުމަކީ ޣައިރު ޤާނޫނީ ޢަމަލެއްކަމަށް ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނޭ އެގާރަ ފަނޑިޔާރުން އެއްބަސްވެވަޑައިގެންފައިވާކަމަށެވެ.

މިކަމާ ގުޅިގެން ނިއުޔޯކްގައި ހުންނަވާ ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ މިހާރު ދީފައިވާ އެންމެ ފަހު މުއްދަތުގައި ބްރެކްސިޓްގެ ކަންކަން ނިމޭނެކަމަށް ޔަޤީންކުރައްވާކަމަށެވެ. ޖޮންސަން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް އޭނާއަށް އެއްބަސްނުވެވޭކަމަށާއި އެހެންނަމަވެސް އިޙްތިރާމްކުރާނޭކަމަށެވެ.

އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު ހައުސް އޮފް ކޮމަންސްގެ ރައީސް ޖޯން ބޭކޮވްވަނީ އެ ނިންމުމަށް މަރުޙަބާވިދާޅުވެ، މި އަންނަ ބުދަ ދުވަހު ހައުސްގެ ޖަލްސާތައް އަލުން ފަށާނެކަން އިޢުލާނުކުރައްވާފައެވެ