ޚަބަރު

ހޮންކޮންގްގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އެމްނެސްޓީން ގޮވާލައިފި


ހޮންގްކޮންގް ސަރުކާރުން އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމުކޮށް ރައްކާތެރިކުރުމަށް އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކުރާ ޖަމުޢިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފިއެވެ.

އެމްނެސްޓީގެ އިރުމަތީ އޭޝިޔާ އޮފީހުގެ ވެރިޔާ ޖޯޝުއާ ރޯޒެންސްވެގް ވިދާޅުވީ ހޮންގްކޮންގް ސަރުކާރުން ގެންގުޅޭ އެއްޤައުމު، ދެ ސިޔާސަތުގެ ނިޒާމު ފެއިލްވެދާނެތީ މިނިވަންކަމާއެކު އެއްވެ އުޅުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިއުމުގެ މިނިވަންކަން ހިފެހެއްޓިފައިވާކަމަށެވެ.

ހަތަރު މަހެއްހާދުވަހަށް މުޒާހަރާތައް ދިގުދެމިގެން ގޮސްފައިވާއިރު، އެމްނެސްޓީން މި ހަފުތާގައިވަނީ ހޮންގްކޮންގް ފުލުހުން މި މުޒާހަރާތަކުގައި ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ތަޙުޤީޤުކުރުމަށް ހޮންގްކޮންގް ސަރުކާރަށް ގޮވާލައި ރިޕޯޓެއްވެސް ނެރެފައެވެ. ރޯޒެންސްވެގް ވިދާޅުވީ މުޒާހަރާގެ ބައިވެރިން އެދިފައިވާފަދައިން، ފުލުހުންގެ ޢަމަލުތައް މިނިވަން މުއައްޞަސާއަކުން ތަޙްޤީގުކުރެވިގެން ނޫނީ ހޮންގްކޮންގުގެ ޢާއްމު ރައްޔިތުންނަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެކަމަށެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތްކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަނަމަވެސް މި މުޒާހަރާތައްވަނީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.

މި މުޒާހަރާތަށް މިހާރުވަނީ ފުޅާވެ ޑިމޮކްރަސީ އަށަގަންނަވައި، ފުލުހުންގެ ޢަމަލުތައް ތަޙުޤީގުކުރަން ގޮވާލާ މުޒާހަރާއަކަށްވެފައެވެ.