ވިޔަފާރި

މަސްވެރިކަމާބެހޭ ބައްދަލުވުމަކަށް މިނިސްޓަރ ޒާހާ ބެލްޖިއަމްއަށް ވަޑައިގަންނަވައިފި


ޤަވާއިދާއި ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް މެރިން ރިސޯސަސް، ޒަހާ ވަހީދު ބެލްޖިއަމްއަށް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 25 އިން 26 އަށް ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަންއާ މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޔޫރަޕިއަން ޔޫނިއަންއަށް މަސް އެސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި ޤަވައިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓާލުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި މިކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ޔޫރަޕިއަން ޔޫނިއަންއަށް އެރުވޭނެއެވެ.

މިބައްދަލުވުމުގައި މަސްވެރިކަމާއި ގުޅޭ ކަންކަމުގައި ރާއްޖެއާއެކު ކުރެވިދާނެ މަސައްކަތްތަކާއި ރާއްޖެއިން ޔޫރަޕަށް މަސް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުންވެސް މިނިސްޓަރ ޒަހާ ވާހަކަފުޅުދައްކަވާނެއެވެ.

ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓުކުރާ ޤައުމުތަކުން ޔޫރަޕްގެ ޤައުމުތަކަށް އެތެރެކުރާ މަހަކީ ޤާނޫނާއި ޤަވައިދާއި އެއްގޮތަށް ބާނާފައިވާ އުފެއްދުންތަކަށްވުމަކީ ޔޫރަޕިއަން ކޮމިޝަންގެ މައްޗަށް ޤާނޫނު ލާޒިމްކުރާކަމެކެވެ.

މި ޤާނޫނުގެ ދަށުން 2017 ވަނަ އަހަރުން ފެށިގެން 3 ފަހަރެއްގެ މަތިން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެ ޒިޔާރާތްކޮށް ރާއްޖޭގައި މަސްވެރިކަމުގެ ނިޒާމު އޮތްގޮތް ބައްލަވާލައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މަސް، ދާއިމީ ގޮތެއްގައި ޔޫރަޕަށް އެތެރެކުރުމުގެ ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް އެފަރާތުން އިރުޝާދުވެސް ދެއްވާފައިވެއެވެ.