ވިޔަފާރި

ރައީސުލްޖުމްހޫރިއްޔާ ޕީސީބީގެ ބޯޑަށް 5 މެމްބަރަކު އައްޔަނުކުރައްވައިފި


ސަރުކާރު ކުންފުނިތައް ވިލަރެސްކުރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ 5 މެމްބަރަކު އައްޔަންކުރައްވައިފިއެވެ.

7 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑަށް އަލަށް އައްޔަންކުރެއްވި 5 މެމްބަރުންގެ ތެރެއިން ބޯޑުގެ ރައީސަކަށް ހަމަޖައްސާފައިވަނީ ހަސަން ވަހީދުއެވެ. ނާއިބު ރައީސަކަށް ހަމަޖައްސާފައިވަނީ އާސިމް މުހައްމަދުއެވެ. ދެން އައްޔަންކުރެއްވި 3 މެމްބަރުންނަކީ އާއިޝަތު ޝާޒްލީ، ރުޝާޙާ އަހުމަދު ޝަރީފް އަދި އަލީ ޝަފީޢުއެވެ.

ބޯޑުގައި ދެން ހިމެނެނީ ކުރިންވެސް އެބޯޑުގައި ހުންނެވި އަލީ ޝުޖާޢުއެވެ. އެހެންކަމުން އެބޯޑު ފުރިހަމަވާނީ އިތުރު މެމްބަރަކު އައްޔަންކުރުމުންނެވެ. އަދި އަލަށް އައްޔަންކުރެއްވި މެމްބަރުންނަށް މަޖިލީހުގެ ރުހުން ހޯދަންވެސް ޖެހޭނެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑަށް އައު މެމްބަރުން ހަމަޖައްސާ، ރައީސާއި ނާއިބު ރައީސް ކަނޑައަޅާފައިވާއިރު، އެބޯޑުގެ ރައީސަކަށް ކުރިން ހުންނެވި މުހައްމަދު ނިޒާރު ވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި އިސްތިއުފާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޕީސީބީގެ ބޯޑު އަލުން އެކުލަވާލާފައި މިވަނީ، އެބޯޑުގައި މިހާރު ތިއްބެވި މެންބަރުން ވަކިކޮށް، އެ ބޯޑަށް އަލުން މެންބަރުން އައްޔަންކުރައްވައި، މަޖިލީހުގެ ރުހުން ހޯއްދަވަން ފޮނުއްވެވުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވަނިކޮށެވެ.