ވިޔަފާރި

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ޓުއަރ އޮަޕަރޭޓަރ، ތޯމަސް ކުކް ބަނގުރޫޓްވެއްޖެ


ފަތުރުވެރިންނަށް ބޭނުންވާ އެކި ޚިދުމަތްދޭ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޓުއަރ އޮޕަރޭޓަރ، ތޯމަސް ކުކް ބަނގުރޫޓުވެއްޖެއެވެ.

ފަތުރުވެރިކަމާގުޅޭ އެކި ޚިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ޓުއަރ އޮޕަރޭޓަރ، އިނގިރޭސިވިލާތުގެ ތޯމަސް ކުކް ބަނގުރޫޓްވެފައިވަނީ، އެކުންފުނީގެ 2.1 ބިލިއަން ޑޮލަރުގެ ދަރަނިތައް އަދާކުރާނެ އެއްވެސް ގޮތެއް ނެތުމުންނެވެ.

ތޯމަސް ކުކްގެ ސީއީއޯ ވިދާޅުވީ ބަނގުރޫޓުވުމުން ސަލާމަތްވުމަށް ފައިސާ ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައިނުވާކަމަށެވެ. އެއާއެކު ފްލައިޓްތަކާއި ފަތުރުވެރިންނަށް ޕެކޭޖްތަކާއި ހޮޓާތައް ހަމަޖައްސައިދިނުމުގެ ވިޔަފާރިތައް އެކުންފުނިން ވަނީ އެއްކޮށް ހުއްޓާލާފައެވެ.

ތޯމަސް ކުކް ބަނގުރޫޓްވުމާއެކު އެކުންފުނީގެ ޙަވާލުގައި އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންނަށްވެސް ވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. އެއީ ފަތުރުވެރިންގެ ހޮޓާތަކާއި ފްލައިޓްތަކަށް އެކުންފުނި މެދުވެރިކޮށް ފައިސާ ދައްކަންޖެހޭއިރު، އެފައިސާވެސް ހޮޓާތަކާއި ފްލައިޓްތަކަށް ނުލިބުމުން، ބައެއް ފަތުރުވެރިންނަށްވެސް އެފައިސާ ދެއްކުމަށް މަޖުބޫރުވުމުންނެވެ. އަދި ތޯމަސް ކުކްގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފައިވާއިރު، އެމީހުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހޯދައިދިނުމަށް ޤައުމުތަކުގެ ސަރުކާރުތަކުންނާއި އިންޝުއަރެންސް ކުންފުނިތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

ތޯމަސް ކުކް ބަނގުރޫޓްވުމުން އެކުންފުނީގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ 22 ހާސް މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.

1841 ވަނަ އަހަރުން ފެށިގެން ވިޔަފާރިކުރަމުން އަންނަ ތޯމަސް ކުކް ބަނގުރޫޓްވާން ގިނަ ސަބަބުތަކެއް މެދުވެރިވިކަމަށް އެކުންފުނިން ބުނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށްދާ ބައެއް ޤައުމުތަކުގައި ހިނގަމުންދާ އަދި ހިނގާފައިވާ ސިޔާސީ ހަމަނުޖެހުންތައް ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އޮންލައިން ވިޔަފާރިއާއެކު ކުރިމަތިވި ވާދަވެރިކަމަކީވެސް އެކުންފުންޏަށް ގެއްލުމާ ކުރިމަތިލާންޖެހުނު ސަބަބެއްކަމަށް އެކުންފުނިން ބުނެއެވެ.