ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ބައެއް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިފި


އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ބައެއް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް އާއިލާތަކަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާއިރު، ފުލުހުންނާއި ސިފައިންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެ ސަރަހައްދުގެ ބައެއް އަދިވެސް ވަނީ އުޅަނދު ފަހަރަށާއި އާންމުންނަށް ބަންދުކޮށްފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މީހުން ހުސްކުރި ގެތަކުގެތެރެއިން ޕްލިމިނަރީ އެސެސްމަންޓަށްފަހު މީހުން ވެއްދޭނެ ގެތަކަށް މީހުން ވެއްދުމަށް މަސައްކަތްކުރަމުން ދާކަން، އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކުލަވާލި ޓާސްކް ފޯސްއިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓާސްކް ފޯސްގެ ފަރާތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ގެއްލުންވި ގެތަކުގެ ފޮރިންސިކް ތަޙްޤީޤްތައްކަމަށެވެ. އެގޮތުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމާއި، ބައެއް ހެކިތަކަކީ ނެތިގެން ގޮސްދާނެ ހެކިތަކެއްކަމަށް ބެލެވޭތީ ހުއްޓުމެއްނެތި އެ ތަޙްޤީޤްކުރިއަށްގެންދާކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވީ، އެކި މިންވަރަށް އަސަރުކުރި ސައުވީސް ގޭގެ ތެރެއިން އެސެސްމަންޓަށްފަހު މީހުން ވަދެވޭނެ ތަންތަނާއި، ތަޅާލަން ޖެހޭ ތަންތަނާއި އިތުރު މަރާމާތަށްފަހު މީހުން ވެއްދޭނެ ތަންތަން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

"އަމާޒަކީ މީގެ ދެވަނަ ފޭސްއަށް ވަދެގެންދާއިރު މި ހާދިސާގާއި އަސަރުކުރި މީހުންނަށް ޢާންމު ހާލަތަކަށް ރުޖޫޢަވެވެންދެން ކުރަންޖެހޭ ކަންކަން ކޮށްދިނުން. އެއާއެކީ ބަލަމުންދާންނ އެބޭފުޅުންގެ ހާލަތާއި ވަދެވެން ހުރި ތަންތަނުގައި އިތުރަށް ކޮށްދެވޭނެކަންކަން. ބޯހިޔާވަހިކަމުގައި ކޮށްދެވޭނެ ކަންކަން ބަލާމުން ދަނީ. އޯގާތެރިކަމާއެކު ކަންކަން ކޮށްދޭނަން. ހުރިހާ އެނަލިސިސް ހަދަމުންދަނީ. މިހާތަނަށް 244 ބޭފުޅަކު އިވެކުއޭޓްކޮށް 67 ތަނެއްގައި ބޭފުޅުން ބެހެއްޓިފައިވަނީ." ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް އެސަރަހައްދު އެމްއެންޑީއެފާއި ފުލުހުނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު އޮންނަނީ ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ގިނަ ގޭގެއިން މީހުން ހުސްކޮށް މުޅި ސަރަހައްދު ބަލަހައްޓަމުން ދަނީ ސިފައިންނާއި ފުލުހުންނެވެ.