ފޮޓޯ

މަދު ގަޑިއިރެއްގެ ތެރޭގައި އެތައްބައެއްގެ ދިރިއުޅުން އަނދާ އަޅިއަށް

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ޙާދިސާގައި މާލޭގެ 6 ގެއަކާއި 4 ގުދަން އަނދާ ހުލިވެފައިވާއިރު މުޅި މިސަރަޙައްދަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ހުކުރު ދުވަހު ހިނގި އަލިފާނުގެ ޙާދިސާގައި އަނދާފައިވާ ކެމިކަލް ގުދަންތަކުން އަދިވެސް ދުން އަރަމުން އަންނައިރު އެސަރަޙައްދަށް ޢާއްމުން ވަނުންވަނީ މަނާކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

ހ.ތިލަފުށިގޭގައި ރޯވި އަލިފާންގަނޑު ބޮޑުވެ މުޅި ސަރަޙައްދަށް ފެތުރި 6 ގެއަކާއި 4 ގުދަން އަނދާ ހުލިވެފައިވާއިރު މިހާރު މިސަރަޙައްދުން ފެންނަނީ ހުސް ބާދަގަނޑެވެ. ސިފައިންނާއި ފުލުހުން ގުޅިގެން އަންނަނީ އެތަން ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ޙާދިސާގައި އެތައް ޢާއިލާތަކެއް ޙާލުގައި ޖެހިފައިވާއިރު ރާއްޖެއިން ބޭރަށް ދާން އެއްކުރި ޑޮލަރުކޮޅާއި ޕާސްޕޯޓުވެސް އަނދާ އަޅިއަށް ވެފައިވާކަމަށް މީހަކުވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

މިފަދަ އަލިފާނުގެ ޙާދިސާތަކުގައި އެތައް ބަޔަކަށް ގެއްލުންވެފައިވާއިރު މިފަދަ ހިތާމަވެރި ޙާދިސާތަކުގެ ސަބަބުން މާލީގޮތުންނާއި ނަފްސާނީގޮތުން އެތައް ގެއްލުމެއް މިސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށްވަނީ ލިބިފައެވެ. މާލީ ގޮތުންނާއި ނަފްސާނީގޮތުން ޢާއްމު ޙާލަތަކަށް މިފަރާތްތައް ގެނައުމަށް ސަރުކާރާއި ޢާއްމުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

އަލިފާނުގެ ނުރައްކާތެރި ޙާދިސާގައި އެތައް ބައެއްގެ ދިރިއުޅުން އަނދާ އަޅިއަށްވެގެން ގޮސްފައިވާއިރު މިޙާދިސާގައި ވަނީ 2 ކުއްޖެއްގެ މަންމަވެސް އެކުދިންނާ ވަކިވެފައެވެ. މިފަދަ ހިތާމަވެރި ޙާދިސާތައް މަދުކުރުމަށް ސަރުކާރުންވަނީ ވަގުތުން ފިޔަވަޅުއެޅުމަށް ނިންމަވާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށްޖަހާލި އަލިފާންގަނޑުގައި އެކި ކުންފުނިތަކުގައި މަސައްކަތްކުރާ 70 އަށްވުރެ ގިނަ ބިދޭސީންވެސްވަނީ ޙާލުގައި ޖެހިފައެވެ. އެމީހުން ރަށަށް ފޮނުވަން ރައްކާކުރި ފައިސާކޮޅުވެސް ވަނީ މިޙާދިސާގައި ގެއްލިގެންގޮސްފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޕީއެސްއެމްނިއުސް

ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މަގުމަތީ ޕާކުކޮށްފައިހުރި 70 އަށްވުރެ ގިނަ ސައިކަލުވެސްވަނީ އަނދާފައެވެ. އެތައް ހާސްރުފިޔާއެއްގެ އަގުބޮޑެތި ސައިކަލުތައްވެސް އަނދާ ހުލިވީ މަދު ގަޑިއިރެއްގެ ތެރޭގައެވެ.

ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް މީހުން ދިރިއުޅޭ ތަންތަނުގައި ގެންގުޅުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ހ.ތިލަފުށިގޭގައި ރޯވި އަލިފާން އެންމެ ފުރަތަމަ ރޯވި ގުދަނުގައި ހުރީ ހުރިހާ ކަމެއްވެސް ޤަވާއިދާ އެއްގޮތަށްކަމަށް އެތަނުގެ ވެރިފަރާތުން ވަނީ ބުނެފައެވެ. މިޙާދިސާގައި އެފަރާތުގެ 2 ގުދަންވަނީ އަނދާ ހުލިވެފައެވެ.