ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޒުވާނުން ހިންގާ ޙަރަކާތްތަކަށް އދގެ ސެކްރެޓަރީ ޖެނެރަލް ތަޢުރީފުކޮށްފި


މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުން އިސްވެ، ހިންގަމުންދާ ޙަރަކާތްތަކުގެ ސަބަބުން މި މައްސަލައިގައި ޤައުމުތަކުން ގެންގުޅޭ ވިސްނުމަށް ބަދަލު އަންނަމުންދާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އަންތޯނިއޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. ގުތެރޭޝް މިހެން ވިދާޅުވެފައިވަނީ އދން އިސްނަގައިގެން މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު ޒުވާނުންނާއެކު އެއް މޭޒެއްގައި މަޝްވަރާކުރުމަށް ބޭއްވި ޚާއްސަ ސަމިޓެއްގެ ތެރެއިންނެވެ.

މި ސަމިޓްގައި ޒުވާން އެކްޓިވިސްޓުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އަންތޯނިއޯ ގުތެރޭޝް ވިދާޅުވީ، މީގެ ދެ އަހަރު ކުރިން އދގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާމެދު މާޔޫސްވެވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް، އެކި ޤައުމުތަކުގެ ޒުވާނުން ވޭތުވެދިޔަ އަހަރުތަކުގައި މި މައްސަލައިގައި ޙަރަކާތްތެރިވާން ފެށުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ އޮއެވަރު ބަދަލުވެގެންދިޔަކަން އިޙްސާސް ކުރެވުނުކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޒުވާނުންގެ ފަރާތުން ފެންނަމުންދާ ޢަމަލީ މަސައްކަތްތަކުގެ ނަތީޖާއަކަށްވީ ޤައުމުތަކުގެ އިންތިޚާބީ ވެރިންނާ ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވުންކަމަށާ މިކަމުގައި ނަތީޖާތައް ފެންނަމުންދާނެކަމަށެވެ. އދގެ ސެކްރެޓަރީ ޖެނެރަލްވަނީ ޤައުމުތަކުގެ ޒުވާނުން މިކަމުގައި މިހާރު ކުރަމުންދާ އަގުހުރި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ގޮވާލައްވާ ހިތްވަރުދެއްވާފައެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކަށިގެންވާ ފިޔަވަޅުތައް އެޅުމަށް ޤައުމުތަކުގެ އިސްވެރިންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށްވެސް ގުތެރޭޝް ޒުވާން އެކްޓިވިސްޓުންނަށް ގޮވާލެއްވިއެވެ.