ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ބަލައިގަނެ، ޤައުމީ ސަލާމަތާއި ޙާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލްގެ ބަހުސް މަރުހަލާއަށްފަހު ބިލް މަޖިލީހަށް ބަލައިގަތުމާއިމެދު ނެގި ވޯޓްގައި މަޖިލީހުގެ 54 މެމްބަރުންގެ އިއްތިފާގުން ބިލް ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ.
މިބިލް މަޖިލީހަށް ބަލައި ގަތުމާއިއެކު ބިލް ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޙާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. މިބިލް ކޮމިޓީން ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ހުށަހަޅުއްވާ އިސްލާހުތަކާއި، އާންމުންގެ ޙިޔާލު ހޯދުމަށް ހުޅުވާލުމަށްވެސް ހަމަޖެހިފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮމިޓީ މަރުހަލާއަށްފަހު މިބިލް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާއެއް ބޭއްވިގެންދާނެކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް އެގިގެންދަނީ މިމަސައްކަތަށް ފަހުގައިކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކުރުމުގައި ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.
މަރުތަކާއި ބެހޭ ކޮމިޝަނުން ބައެއް މަރުތަކުގެ ރިޕޯޓް ނިންމާފައިވާއިރު މައްސަލަތައް ތަޙުޤީގު ކުރުމަށް ޤާނޫނީ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ މިމައްސަލަ ހައްލުކުރެއްވުމަށް ޓެރަރިޒަމްގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.