ވިޔަފާރި

ހަމަލާތައް އަމާޒުވި ތެޔޮ ޕްލާންޓުތަކުގެ އޮޕަރޭޝަންތައް އަލުން ފަށަނީ


ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ކުންފުނި، އަރަމްކޯގެ ދެ ޕްލާންޓަކަށް ދިން ޙަމަލާއަށްފަހު، އޮޕަރޭޝަންތައް އަލުން ފެށުމުގެ މަސައްކަތް ކުރިއަށްދާކަމަށް އަރަމްކޯއިން ބުނެފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ތެޔޮ އުފައްދާ އަރަމްކޯގެ ދެ ޕްލާންޓެއްކަމަށްވާ އަބްޤައިޤް އަދި ޚުރައިސްއަށް ދިން ޙަމަލާތަކުގެ ސަބަބުން އަރަމްކޯއިން ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ތެރެއިން 5.7 މިލިއަން ފީފާގެ ތެޔޮ ވަނީ މަދުކުރަންޖެހިފައެވެ. މިއީ ދުނިޔޭގެ މާކެޓަށް ކޮންމެ ދުވަހަކު ނެރޭ ތެލުގެ 5 އިންސައްތައެވެ.

އަރަމްކޯގެ ސީއީއޯ އަމީން ނަސީރު ވިދާޅުވީ އަރަމްކޯއަށް ބޮޑު ގެއްލުމެއް ދިނުމުގެ ނިޔަތުގައި ދިން ޙަމަލާގައި ބޮޑެތި ގެއްލުންތަކެއް އެކުންފުންޏަށް ލިބުނަސް، އެކަމުން އަރައިގަތުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ވަރަށް އަވަހަށް ކުރިން އުފައްދަމުން ދިޔަ މިންވަރަށް ތެޔޮ އުފައްދަމުންދާނޭކަމަށް އޭނާ ވިދާޅުވިއެވެ. އަމީން ވިދާޅުވީ ސަޢުދީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނޭޅިނަމަ ދުނިޔޭގެ އިޤްތިޞާދަށްވެސް މިކަމުން ވަރަށް ބޮޑު އަސަރެއްކޮށް، އެކި ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވީސްކަމަށެވެ.

އަރަމްކޯގެ ސީއީއޯ ވިދާޅުވީ ޙަމަލާތައް ދިން ދެ ޕްލާންޓް އަލުން އޮޕަރޭޓްކުރުމަށް ބޭނުންވާ ތަކެތި އެމެރިކާއާއި ޔޫރަޕުން މިހާރު ގެންނަމުންދާކަމަށެވެ. އަދި މިމަސް ނިމޭއިރު، ކުރިން ތެޔޮ އުފައްދަމުން ދިޔަ މިންވަރަށް އެ ދެ ޕްލާންޓުން ތެޔޮ އުފެއްދޭނެކަމަށް އުއްމީދުކުރާކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ތެޔޮ އުފައްދާ ދެ ޕްލާންޓަށް ޙަމަލާ ދިން ނަމަވެސް، އަރަމްކޯއިން ތެޔޮ ގަންނަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެއްވެސް އޯޑަރެއް ކެންސަލްވުން ނުވަތަ ލަސްވުމުގެ މައްސަލައެއް ދިމާވެފައިނުވާކަމަށެވެ. އަދި އެގޮތަށް އެމަސައްކަތް ކުރެވުނީ ސަޢުދީ ޢަރަބިއްޔާއިން ގިނަ އަދަދަކަށް ތެޔޮ ރައްކާކޮށްފައިވާތީކަމަށް އޮފިޝަލުން ބުނެއެވެ.

ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހު އަރަމްކޯގެ ދެ ޕްލާންޓަކަށް ދިން ޙަމަލާގެ ޒިންމާ ނަގާފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ ޙުތީ ހަނގުރާމަވެރިންނެވެ. ނަމަވެސް އެމެރިކާއިން ތުހުމަތުކުރަނީ ހަމަލާތަކުގައި އީރާނުގެ އަތެއްވާނެކަމަށެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެއެވެ.