ޚަބަރު

ވަގަށް ޖަލަށް އެތެރެކުރަން އުޅުނު ތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި


މާފުށީ ޖަލަށް ވަގަށް އެތެރެކުރަން އުޅުނު ސާމާނުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި އެދެމީހުން ހައްޔަރުކޮށްފައިވަނީ ޖަލަށް ވަގަށް ސާމާނުތަކެއް އެތެރެކުރަން އުޅުނުކަމަށް ލިބުނު މަޢުލޫމާތަކަކާއެކު ކަރެޝަނަލް ސަރވިސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު ހައްޔަރުކޮށްފައިވަނީ ޢުމުރުން 21 އަހަރާއި 26 އަހަރުގެ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެމީހުންނަކީ ދިވެހިކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. ނަމަވެސް އެ އެމީހުންނަކީ އާންމުންގެ ބައެއް ކަމެއް ނުވަތަ ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ މީހުން ކަމެއް ފުލުހުން ހާމަ އެއް ނުކުރައްވައެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ތަކެތީގެ ތެރޭގައި 72 ފޯނާއި ހަތް ސިމް ކާޑާއި 62 ފޯނުޗާރޖަރާއި 39 ޕެންޑްރައިވާއި 22 ހެޑްސެޓާއި 5 އެޑްޕްޓަރާއި އަތުން ފެހުމަށް ބޭނުންކުރާ 2 ކިޓަކާއި ނިޔަފަތި ކަނޑާ 5 ދަތީގެ އިތުރުން 5 ސުޕްރގުލޫ ފުޅިއާއި 5 ކަތުރާއި ކުޑަ 3 ވަޅި އާއި 2 ފެމް ދަޅާއި 2 ފޮށި ކަޓަރުތިލަ އާއި 2 ލޮނު ޕެކެޓާއި 4 ލޯގަނޑާއި 12 ދުނިކީސް ތިލަ އާއި 5 ސަމްލާއި 5 އޫ ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރުކުރި ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 26 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.