ވިޔަފާރި

އަމާޒަކީ ޗައިނާއިން އަހަރަކު 1 މިލިއަން ފަތުރުވެރިން ގެނައުން - ފޮރިން މިނިސްޓަރ


ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމަކީ ޗައިނާކަމަށްވާއިރު، ޗައިނާގެ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު އިތުރު ފްލައިޓްތައް އޮޕަރޭޓްކުރުމާމެދު މަޝްވަރާކުރިކަމަށާއި ބެއިޖިންގައި އޮކްޓޫބަރުމަހު ހުޅުވާ އާ އެއަރޕޯޓު ހުޅުވުމާއެކު، މޯލްޑިވިއަންގެ އިތުރު ފްލައިޓެއް އޮޕަރޭޓްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިކަމަށް ޝާހިދު ވިދާޅުވިއެވެ.

" އެކި އެއަރލައިންތަކުން ހަފްތާއަކު 26 ފްލައިޓް އެބަ އޮޕަރޭޓްކުރޭ ޗައިނާއާއި ރާއްޖެއާ ދެމެދު. (ޗައިނާގެ) ޚާރިޖީ ވަޒީރާއެކު ކުރި މަޝްވަރާގައި އެ ފްލައިޓްތައް އިތުރުކުރުމާމެދު މަޝްވަރާކުރި،. ފްލައިޓްތައް އިތުރުކުރުމުގެ ބޭނުމަކީ ޗައިނާއިން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ޖާގަ އިތުރުކުރުން، ޗައިނާގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކައިން އުއްމީދުކުރެވެނީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން 1 މިލިއަން ފަތުރުވެރިންނަށް އިތުރުކުރެވޭނެ ގޮތަށް ކަންކަން ހަމަޖެއްސުން" ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ޗައިނާ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް މިހާރު ނެތްކަން ފާހަގަކުރައްވާ، އެފަދަ ލުއި ފަސޭޙަތަކެއް ދިވެހިން ޗައިނާއަށް ދަތުރުކުރާއިރުވެސް ހަމަޖެއްސެވުމަށް ޗައިނާގެ ޚާރިޖީ ވަޒީރުގެ އަރިހުން އެދިވަޑައިގަތްކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގައި ލުއި ގޮތްތަކެއް ހަމަޖެހިގެން ދިއުންކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.