ވިޔަފާރި

ތިމާވެއްޓާއި ރަށްޓެހި ކޮތަޅު ގެންދިއުމުން އެސްޓީއޯއިން ޑިސްކައުންޓް!


ވިޔަފާރިކުރުމަށް ތިމާވެއްޓާއި ރަށްޓެހި ކޮތަޅު ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ދޭން އެސްޓީއޯ ސުޕަރމާޓުން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ މިއީ ޕްލާސްޓިކަށް ނުނޭކޭ ބުނަމާގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އެގޮތުން އެސްޓީއޯ ސުޕަރމާކެޓަށް ވިޔަފާރިކުރުމަށް އަންނައިރު ތިމާވެއްޓާ ރަށްޓެހި ކޮތަޅު ގެންދާ ފަރާތްތަކަށް ދެ ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެސްްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އެކުންފުނީގެ އަމާޒަކީ ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް މަދުކޮށް، ތިމާވެށި ހިމާޔަތްކުރުން ކަމަށެވެ. އަދި މިކަމަށް އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ފަށާފައިވާއިރު، އެމްޓީސީސީން ވަނީ އެކުންފުނިން އޮޕަރޭޓްކުރާ ފެރީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައެވެ.

އަމިއްލަ ބައެއް ކުންފުނިތަކުންވެސް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އޭގެ ތެރޭގައި ޖޫސް ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ކަރުދާސް ހޮޅި ބޭނުންކުރުން ހިމެނެއެވެ.