ވިޔަފާރި

ކްރޮސްރޯޑްސް މޯލްޑިވްސްގެ 60 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން - އަލީ ވަހީދު


ކްރޮސްރޯޑްސް މޯލްޑިވްސްގެ 60 އިންސައްތަ މުވައްޒަފުންނަށް ދިވެހިން ވުމީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފާހަގަކުރައްވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ޤާއިމްކޮށްފައިވާ މެރީނާ ހުޅުއްވައިދެއްވައި، ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންގެ ނިސްބަތް ފާއިތުވި އަހަރުތަކުގައި ކުޑަވިނަމަވެސް މިއަދަދު އިތުރުވަމުންދާކަން ފާހަގަވާކަމަށެވެ. އެގޮތުން އަލަށް ހުޅުވިގެންދިޔަ ކްރޮސްރޯޑްސްގެ 60 އިންސައްތަ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނަށް ވުމަކީ ސަރުކާރަށް ލިބުނު ކާމިޔާބީއެއްކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ސިފަކުރެއްވިއެވެ.

"ކްރޮސްރޯޑްގެ 60 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން. އޭގެ ތެރެއިން 20 ޕަސެންޓަކީ އަންހެން ބޭފުޅުން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ޓޫރިޒަމް ދާއިރާގައި އުޅެނީ އެންމެ ހަތް ޕަސެންޓް އަންހެން ބޭފުޅުން. އަދި 45 ޕަސެންޓުން 60 ޕަސެންޓަށް ކްރޮސްރޯޑްސް ފަދަ ރިސޯޓެއްގައި، މުވައްޒަފުންނަކީ ދިވެހިން ކަމަށްވެފައި މަސައްކަތް ނިންމާފައި އެބަ ދެވޭ އާއިލާތައް ކައިރިއަށް. މިއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވައުދުވެވަޑައިގެންނެވި ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް މި މަޝްރުޢުއަކީ ރާއްޖޭގެ ތާރީޚުގައި ވެސް ކުރިއަށްގެންދިޔަ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރުޢު އެވެ. ކްރޮސްރޯޑްސް މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙުކޮށްފައިވާއިރު މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2 ރިސޯޓެއް މިހާރު ވަނީ ތަރައްޤީކޮށް ނިންމާ، އޮޕަރޭޓްކުރަން ފަށާފައެވެ.މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ފުޑް އެންޑް ބެވެރެޖް ޚިދުމަތްތަކާއި، ރީޓެއިލް ފިހާރަތަކާއި، މުނިފޫހިފިލުވުގެ ތަންތަނާއި، ރެކްރިއޭޝަނަލް ޙަރަކާތްތަކާއި، ލެއިޝަރ ލައިފްސްޓައިލް އެކުލެވިގެންވާ މެރީނާއެއް ވެސް ވަނީ ތަރައްޤީކޮށް ހުޅުވާފައެވެ.