ޚަބަރު

އިނގިރޭސިވިލާތް ވަކިވާ ތާރީޚް ފަސްކުރުމަށް ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުން ނިންމައިފި


ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ޤާއިމުކުރަންޖެހޭ އެއްބަސްވުންތައް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާ ތާރީޚް ފަސްކުރުމަށް ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ވިލާތުގެ ޤާނޫނުހަދާ މަޖިލީހުން މި ޤަރާރު ފާސްވެފައިވަނީ 544 މެންބަރުންގެ ވޯޓުންނެވެ. މި ޤަރާރާ ދެކޮޅަށް 126 މެންބަރުން ވޯޓުދިންއިރު، 38 މެންބަރުން ވަކި ކޮޅަކަށް ވޯޓުދީފައެއްނުވެއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުން މިހެން ނިންމިކަމުގައިވީނަމަވެސް މެންބަރު ޤައުމުތަކަށް އެގޮތަށް ޢަމަލުކުރުން ލާޒިމެއް ނުކުރެއެވެ. ނަމަވެސް މަޖިލީހުގެ ނިންމުމަކީ ސިޔާސީގޮތުން ބުރަދަން ހުރި ނިންމުމެކެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ކުރިން އޮކްޓޫބަރު 17ގައި އެ އިއްތިޙާދުގެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވަންވަނީ ހަމަޖެހިފައެވެ. ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންވަނީ އެއްބަސްވުމަކާނުލާ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިނުވުމަށް އިންޒާރުދެއްވާފައެވެ. އެގޮތަށް އެ ބޭފުޅުން އިންޒާރުދެއްވީ ވިލާތުގެ ޤައުމުތަކަށް ކުރިމަތިލާންޖެހިދާނެ އިޤްތިޞާދީ މައްސަލަތަކުން ސަލާމަތްވުމުގެ ބޭނުންފުޅުގައެވެ.

އެންމެފަހު ތާރީޚެއްގެ ގޮތުގައި އެ އިއްތިޙާދުން އިނގިރޭސިވިލާތަށް ވަކިވުމަށް ދީފައިވަނީ އޮކްޓޫބަރު 31ވަނަ ދުވަހެވެ.