ޚަބަރު

ސަޢުދީއަށްފަހު، ހޫޘީންގެ ވަރުގަދަ އިންޒާރުތަކެއް ޔޫއޭއީއަށް!


ޔަމަނުގައި އެ ޤައުމުގެ ސަރުކާރާ ސަރަޙައްދީ އިއްތިޙާދާ ހަނގުރާމަކުރަމުންދާ އިދިކޮޅު ހޫޘީ ޖަމާޢަތުން ޔޫއޭއީއަށް ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުދީފިއެވެ. ޔޫއޭއީއަށް ޙަމަލާ ދިނުމަށް އަމާޒުތަކެއް ފާހަގަކޮށްފައިވާނެކަމަށާއި އެ ޤައުމަށް ދޭ ޙަމަލާތައް އަމާޒުކުރާނީ އެ ޤައުމަށް އެންމެ ބޮޑަށް ގެއްލުންވާނެ ގޮތްތައް ބެލުމަށްފަހުކަމަށް އެ ޖަމާޢަތުން ބުންޏެވެ.

ހޫޘީ ޖަމާޢަތުން މިހެން ބުނެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް މުހިއްމު ތެޔޮ ސާފުކުރާ ކާރުޚާނާއަކާ ތެޔޮ ދަނޑަކަށް ޢަމާޒުކޮށް ދިން ޙަމަލާގެ ޒިންމާ އެ ޖަމާޢަތުންވަނީ އުފުލާފައެވެ. ނަމަވެސް، އެމެރިކާއާ ސަޢުދީ ޢަރަބިއްޔާއިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ޙަމަލާގެ ފަހަތުގައި އޮތީ އީރާނުކަމަށެވެ. އީރާނުން މި ތުޙުމަތުތައް ދޮގުކުރެއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ވާހަކަދައްކަމުން ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރިއާ ބުނީ ޔޫއޭއީއަށް އަމާޒުކޮށް ދޭ އެންމެ ޑްރޯން ޙަމަލާއެއްގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް އެ ޤައުމަށްވާނެކަމަށެވެ. އޭނާ ބުނީ ޔޫއޭއީއަށް ޙަމަލާދޭނެ އަމާޒުތަކެއް ފާހަގަކޮށްފައިވާކަމަށާއި މިއީ އެ ޖަމާޢަތުން މިކަން އިޢުލާނުކުރާ ފުރަތަމަ ފަހަރުކަމަށެވެ. ފާހަގަކޮށްފައިވާ ބައެއް އަމާޒުތަކުގެ ތެރޭގައި އަބޫ ދާބީގެ ސަރަޙައްދުތައް ހިމެނޭކަމަށްވެސް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބުންޏެވެ. މީގެ އިތުރުން، އޭނާ ބުނީ ހޫޘީންނަށް ޒަމާނީ އައު ޑްރޯންތަކެއް ލިބިފައިވާކަމަށާއި އެ ހަތިޔާރުތައް ބޭނުންކޮށްގެން ސަޢުދީ ޢަރަބިއްޔާގެ ގިނަ ޢަމާޒުތަކަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން އެ ޖަމާޢަތަށް މިހާރު ލިބިފައިވާކަމަށެވެ.

ނަމަވެސް ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމަށް އަމާޒުކޮށް ދިން ޙަމަލާތައް އައިސްފައިވަނީ ޔަމަނުގެ ސަރަޙައްދުން ނޫންކަމަށާއި މި ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާނުކަން ފޮރުވުމަށް ހޫޘީން ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށެވެ. ޔޫއޭއީއަކީވެސް ޔަމަނުގައި ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަރަޙައްދީ އިއްތިޙާދުގައި އިސް ދައުރެއް އަދާކުރާ ޤައުމެކެވެ.