ޚަބަރު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު!


ސްރީ ލަންކާގައި މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާނީ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުކަމަށް އެ ޤައުމުގެ އިންތިޚާބާބެހޭ އިދާރާއިން އިޢުލާނުކޮށްފިއެވެ.

ސްރީ ލަންކާގެ އިންތިޚާބާބެހޭ އިދާރާއިން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކެނޑިޑޭޓުން އަންނަ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ނަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. ސްރީ ލަންކާގެ އިންތިޚާބާބެހޭ އިދާރާއިން އެ ޤައުމުގައި އިންތިޚާބު ބާއްވާނެކަން އިޢުލާނުކޮށްފައިވާ ތާރީޚަކީ މިހާރުގެ ރިޔާސީ ދައުރު ނިމުމުގެ ދެ މަސް ދަުވަސް ކުރީގެ ތާރީޚެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީ ލަންކާގެ އިންތިޚާބާބެހޭ އިދާރާގެ އޮފިޝަލުންނާ ޙަވާލާދީ އެ ޤައުމުގެ ނޫސް އިދާރާތަކުން ބުނެފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 18 ބޭފުޅުން ވާދަކުރެއްވުމަކީ އެކަށިގެންވާކަމެއްކަމަށާއި މިއީ ރެކޯޑް ޢަދަދަކަށްވާނޭކަމަށެވެ.

ސްރީ ލަންކާގެ މައި އިދިކޮޅު ޕާޓީން ބުނެފައިވަނީ ކުރިއަށްއޮތް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސަކަމަށެވެ. ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ބުނެފައިވަނީ ނޮވެންބަރު މަހުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ ތަމްޞީލުކުރައްވާނެ ކެނޑިޑޭޓެއް އަންނަ ހަފުތާގައި އިޢުލާނުކުރާނެކަމަށެވެ.